ENGLISH

07 ޑިސެމްބަރު 2025

Advertisement

ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި، ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

07 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ތިނަދޫ ސިޓީގައި ފެން ބޮޑުވުމުގެ ހާދިސާ-- ފޮޓޯ:ސިޓީ ކައުންސިލް

ގދ. ތިނަދޫ ސިޓީއަށް ރޭގެ ވަގުތެއްގައި ބޯކޮށް ވާރޭ ވެހި، ގެތަކަށް ފެން ވަދެ ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީ ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރ ވިދާޅުވީ ރެއިންސުރެ އެރަށަށް ކުރަމުންދާ ވިއްސާރާގައި ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ އެރަށުގެ ދެކުނު އަވަށަށް ކަމަށާއި އެހެންނަމަވެސް އުތުރު އަވަށަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެރަށުގައި ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފާއި އާންމު ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށާއި، ތިނަދޫ ސިޓީގައި ފެންބޮޑުވުމާއި ގުޅިގެން އެ ސިޓީގެ ހާލަތު އަދި އާއްމު އާލަތަަކަށް އައިސްފައި ނުވާ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި އެސިޓީއަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އިން ބުނީ ރެއިން ފެށިގެން މިއަދު ހެނދުނު 8:30 އާ ހަމައަށް ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން، ގިނަ ގެތަކަށް ފެން ވަދެ ބައެއް ގެތަކުން ކަރަންޓް ކެނޑުނުކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ގެއަކުން މީހުން ބަދަލުކުރަންޖެހޭ ހާލަތަކަށް ގޮސްފައި ނުވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ކާޑެއްދޫއަށާއި، ގދ. ފަރެސްމާތޮޑާއަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެދު ރާއްޖޭ ތެރޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރުކުރުންވެސް އެކަށީގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު