ENGLISH

07 ޑިސެމްބަރު 2025

Advertisement

ދިވެހި ތަރިކައިގެ ބައެއް ނަކަލު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކޮށްފި

07 ޑިސެމްބަރު 2025

|

ހަސަން އާމިރު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަކަށް މޯލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުކުރެއްވި ދިވެހި ތަރިކައިގެ ބައެއް ނަކަލު ވުޒާރާއާ ހަވާލުކޮށްފިއެވެ.

ޕޮލިޓެކްނިކްގައި މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ވުޒާރާއާ ތަކެތި ހަވާލުކޮށްދެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރު ކަށިމާ އަޙްމަދު ޝާކިރެވެ.

ޕޮލިޓެކްނިކުގެ ފަރާތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ ޝާހީ ގުރުޒަކާއި ރާއްޖޭގެ ބައެއް ރަސްރަސްކަލުން ތުރުކުރެއްވި ބައެއް ހެދުންކޮޅުތަކުގެ ނަކަލެކެވެ.

ގުރުޒުގެ ނަކަލު ތައްޔާރުކުރެއްވީ ޕޮލިޓެކްނިކްގެ ކާޕެންޓްރީ ފެކަލްޓީންނެވެ. ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތަކުގެ ނަކަލު ތައްޔާރުކުރެއްވީ އެ އިދާރާގެ ފެޝަން ޑިޒައިނިންގ ފެކަލްޓީންނެވެ.

ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރެއްވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އެ މަރުކަޒަށް ހުށަހެޅުއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކޮށްފައިވާނީ އަސްލު ހެދުންކޮޅާއި އަސްލު ގުރުޒާ އެންމެ ގާތްކުރާގޮތަށް. އަޅުގަނޑުމެންނަށް މިކަހަލަ ފުރުސަތެއް ފުރަތަމަ ފަހަރަށް ލިބުނީމާ ވުޒާރާއިން ބޭނުންވާ ފެންވަރަށް މިމަސައްކަތް ކުރެވުނުކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މިފުރުސަތު ދެއްވީތީ، ވަޒީރު އަދި ވުޒާރާގެ ޓީމަށް ޝުކުރު ދަންނަވަން،" ޒޫޝާން ވިދާޅުވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރު ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވީ ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރެއްވުމަށް ޕޮލިޓެކްނިކާ ހަވާލުކުރެއްވީ އެފަދަ މަސައްކަތެއް ކުރުމަކީ އެ ކަމުގެ ހުނަރާއި ފަންނާ އަދި ތަޖުރިބާ ހުރި ބަޔަކަށް ނޫނީ ކުރެވޭނެ މަސައްކަތަކަށް ނުވާތީ ކަމަށެވެ.

ޝާކިރު އިތުރަށް ވިދާޅުވީ ރާއްޖެއިން ލިބެން ހުރި ތަކެތި ބޭނުންކުރައްވައިގެން ނަމޫނާ ތައްޔާރުކުރައްވާފައިވަނީ އަސްލާ ވަރަށް އެއްގޮތް ގޮތަކަށް އަދި އެހާމެ ކަވި، ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ކަމަށެވެ. ޕޮލިޓެކްނިކްގެ މަސައްކަތުގެ ފުރިހަމަކަން ފާހަގަކުރައްވައި ޝާކިރު ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ ނަންފުޅުގައި ޕޮލިޓެކްނިކްގެ އިސްވެރިންނާއި މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު