ENGLISH
07 ޑިސެމްބަރު 2025
ދިރާސީ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފި
07 ޑިސެމްބަރު 2025
|
ދިރާސީ އަހަރަށް ރަށްތަކަށް ޓެކްސްޓްފޮތްތައް ފޮނުވުން. --ފޮޓޯ:އެޑިޝަން.އެމްވީ
އަންނަ ދިރާސީ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ފަށައިފި އެވެ.
އެ ވުޒާރާއިން ބުނީ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ހުރިހާ ސްކޫލްތަކެއްގެ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމަށްޓަކައި ދުރާލާ ސްކޫލްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިގޮތުން އަތޮޅުތެރޭގެ ސްކޫލްތަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަމާޒަކީ ސްކޫލްގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުން ކަމަށްވެސް ބުންޏެވެ.
ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ވުޒާރާއިން އަންނަަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުރިހާ ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހަމަކުރުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަލަށް ސްކޫލަށް ވަންނަން ބޭނުންވާ ކުދިންގެ އިދާރީ މަސައްކަތްތަކުގެ އިތުރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން ބޭނުންވާ ކުދިންގެ އިދާރީ ކަންކަން ކުރަމުން އަންނަ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުންވެސް މަރާމާތު ކުރަންޖެހިފައިވާ ސްކޫލްތަކުގެ މަސައްކަތްތަކުގެ އިތުރުން އަލަށް ހުޅުވުމަށް ތައްޔާރުވާ ސްކޫލްތަކުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.
މީގެ ތެރެއިން ހުޅުމާލެ 2 ގައި ތަރައްޤީކޮށްފައިވާ ޝަހީދު އަލީ ސްކޫލަކީ އަންނަ ދިރާސީ އަހަރު ހުޅުވުމަށް ތައްޔާރުވެފައިވާ ސްކޫލްއެކެވެ.
މި ދިރާސީ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ފެށޭނީ މި މަހު 25 ގަ އެވެ. އަދި އަންނަ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 27 އެވެ.