ENGLISH
05 ޖުލައި 2025
ވިއްސާރާގައި ލިބުނު ގެއްލުން މިލިއަނަކަށް އަރާ
02 ޑިސެމްބަރު 2024
|
ވިއްސާރައިގައި ގެއްލުން ލިބުނު ގެއެއް. ފޮޓޯ: އެމްއެންޑޫއެފް
މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ކުރި ވިއްސާރާގައި ރަށްރަށަށް ލިިބުނު ގެއްލުންތައް މިލިއަނެއްހާ ރުފިޔާއަށްވުރެ މަތިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ރިޕޯޓެއްގައި ބުނީ މިދިޔަ މަހުގެ ނިޔަލަށް ވިއްސާރައިގައި ގެއްލުން ލިބިގެން 10 ރަށަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ރަށްތަކުގެ 110 ގެއަކަށް އެކިވަރުގެ ގެއްލުން ލިބި، އެ އޮތޯރިޓީއަށް އެކަން އަންގާފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އެ ރަށްތަކަކީ ދ. ބަނޑިދޫ އާއި ދ. ހުޅުދެލީގެ އިތުރުން ގދ. މަޑަވެލި، ހދ. ނެއްލައިދޫ، ނ. މާދަރު، ރ. ރަސްމާދޫ، ސ. ފޭދޫ، ޅ. ކުރެންދޫ، ސ. ހުޅުދޫ އަދި ސ. މަރަދޫފޭދޫ އެވެ.
އެ އޮތޯރިޓީން ބުނީ، އެ ހާދިސާތަކާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗަށާއި، އިމާރާތައް ލިބުނު ގެއްލުމުގެ ޖުމުލަ އަގު 1.1 މިލިއަނަށްވުރެ ބޮޑު ކަމަށެވެ. އަދި އެ 10 ރަށުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުރެންދޫ އަށް ކަމަށެވެ. އެ ރަށުގެ 97 ގެއަކަށް ގެއްލުންވެގެން އެންޑީއެމްއޭއަށް ރިޕޯޓް ކޮށްފައިވެ އެވެ.
އަދި އެ ގެތަކަށް ލިބުނު ގެއްލުން ވަޒަންކުރެވި، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާއި ބެހޭ ގަވާއިދުގެ ދަށުން އެހީތެރިކަން ދިނުމަށް ހުށަހެޅިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ވެސް ބައެއް ގެތަކަށް ގެއްލުންވުމުގެ ސަބަބުން އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.