ENGLISH
06 ޑިސެމްބަރު 2025
ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ފާސްކުރި ބިލު ރައީސް ތަސްދީޤުކުރައްވައިފި
06 ޑިސެމްބަރު 2025
|
ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް ބޮޑެތި ޖޫރިމަނާތަކެއް ވެސް ހިމެނޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ، މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.
ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވީ ލ. ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ރަޝީދު އެވެ. އިޞްލާޙުތަކާއެކު ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރީ، ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.
ބިލަށް ގެނައި އެންމެ ބޮޑު އިޞްލާހަކީ، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް، ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ކަނޑައެޅުމެވެ.
މަރުގެ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެނަމަ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓަކުން އަލުން ބަލަންވާނެކަމަށާއި، އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން އެގޮތުގެމަތިން ޙުކުމް ކުރުމުންކަމަށް ވަނީ ކަނޑައަޅައިފައެވެ.
ޢުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މަޢާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ބިލަށް ގެނައި އެހެނިހެން އިޞްލާޙުތަކަށް ބަލާއިރު، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ވަނީ ހިމަނައިފައެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމަށް ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެ އަދި އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެ ނަމަ 20 އަހަރުގެ މުއްދަތަކަށް ޖަލައްލައި، ހަތްދިހަ ފަސްހާސް ރުފިޔާއިން ފެށިގެން ހަތްމިލިއަން ފަސްލައްކަ ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅައިފައެވެ.
މަސްތުވާތަކެތި އެެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމުން ޑްރަގް އެެތެރެކުރުން ހުއްޓުވޭނެކަމަށް، ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ޒުވާނުން ބާރުވެރިކޮށް، ޑްރަގުގެ ވަބާއިން ވެސް ޒުވާނުން ސަލާމަތްކުރުން ކަމަށެވެ. އަދި ޑްރަގު މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ބޭނުންވަނީ އެކަމުގެ "ރޫޓް ކޯސްއަށް އެޑްރެސްކުރަން" ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.