ENGLISH

06 ޑިސެމްބަރު 2025

Advertisement

ރައީސް، ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި

06 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. 

މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ބިލަށް ގެނައި މުހިއްމު އިޞްލާޙުތައް؛ 

  • ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުގެ ގޮތުގައި "ޓޫރިޒަމް ޓްރޭނިން ރިޒޯޓް" ހިމަނައި އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށްދިނުމާއި، ތަރައްޤީކޮށް އެ ތަންތަން ހިންގުމުގެ އުސޫލު ބަޔާންކޮށްފައިވެއެވެ. 
  • މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގެ އިހްތިޞާޞްގައި ހިމެނޭ ތަންތަނުގައި ތަރައްޤީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާކަމަށާއި އެ ތަންތަނުން ސަރުކާރަށް ދައްކާ ފައިސާ، އެ ތަނެއް ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ހިމަނައި، އެ ފައިސާ އެ ކައުންސިލްތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. 
  • ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މަދުވެގެން 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު، ދޫކުރެވޭނެ ގޮތްތައް އިތުރުކޮށް، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ދޫކުރެވޭނެ ކަމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
  • ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްޤީކޮށް ނިންމުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ ޝަރުތުތަކާއި އިޖުރާތު ބަޔާންކޮށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު، އިތުރު 6 (ހައެއް) މަސްދުވަހަށް އިތުރުކުރެވޭނެކަމަށް ވެސް ވަނީ ހިމަނާފައެވެ.
  • ރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދެވޭނީ، ޓުއަރ އޮޕަރޭޓަރ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓުއަރ އޮޕަރޭޓަރަކަށް، ޚިދުމަތް ދެވޭނީ، ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސްއެއް ހޯދުމަށްފަހުކަމަށް ކަނޑައަޅައި ޓުއަރ އޮޕަރޭޓަރުންނާއި ފޮރިން ޓުއަރ އޮޕަރޭޓަރުންނާ ގުޅޭ ކަންކަން ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
  • ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރެވޭ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި، ބަންދުކުރުމާ ހަމައަށް ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ކަނޑައެޅުން ވެސް މި ބިލަށް ގެނައި އިޞްލާޙުގައި ހިމެނެއެވެ.

ބިލުގައި އިތުރަށް ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ޚިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ، އެ ފަރާތެއް ފޯރުކޮށްދިން ޚިދުމަތުގެ ބާވަތަށާއި ޚިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް އެ ފަރާތެއް 1،000،000 (އެއްމިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ހިމަނައިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު