ENGLISH

06 ޑިސެމްބަރު 2025

Advertisement

ރައީސް، ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާ ރޭ

06 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭ، ރައީސުލްޖުމްހޫރިއްޔާ މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ހީނާ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ބައްދަލުވުން އޮންނާނީ 2025 ޑިސެމްބަރު 7 ވަނަ ދުވަހުގެ ރޭ (މާދަމާ ރޭ) 8:30 ގައި ކަލާފާނު ސްކޫލުގައި ކަމަށެވެ. 

އެކްސް ޕޯސްޓުގައި ހީނާ ވަނީ ހެންވޭރުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު އަރުވައިފައެވެ. 

ރައީސް ރައްޔިތުނާއެކު ބާއްވަވާ ބައްދަލުވުންތަކުގައި، ރައްޔިތުން އަންނަނީ ޚިޔާލާއި މަޝްވަރާ ދެއްވައި، ކަންބޮޑުވުންތައް ޙިއްސާކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުވުންތައް ބާއްވަވަނީ ރައްޔިތުންގެ އަޑު ސީދާ އެމަނިކުފާނު އަޑުއެއްސެވުމުގެ ގޮތުންނެވެ. 

މާލެ ސަރަޙައްދުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަމުން ގެންދަވާއިރު، ވެރިކަމަށް ވަޑައިގަތުމަށްފަހު ދެ އަހަރު ނުވަނީސް ރައީސް ވަނީ ރަސްމީ ޙައިސިއްޔަތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އެރަށްތަކުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ އަޑު ގާތުން އައްސަވައިފައެވެ. 

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލޭ ސަރަޙައްދުގެ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތައް ފެއްޓެވީ ވިލިމާލެއިންނެވެ. އޭގެފަހުން މިހާރު ވަނީ މަންޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. 

ވިލިމާލެ އާއި މާލޭގެ އަވަށްތަކުގެ ރައްޔިތުންގެ އިތުރުން، ހުޅުމާލޭގެ ރައްޔިތުންނާ ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާނެއެވެ. 

ރާއްޖޭގެ ރައީސަކު ސީދާ ރައްޔިތުންގެ އަޑު އެއްސެވުމަށް މިގޮތަށް ބައްދަލުވުންތައް ބާއްވަވާ މިއީ ފުރަތަމަ ފަހަރެވެ. 

ރައްޔިތުންގެ ބައްދަލުވުންތަކުގައި ފާޅުކުރާ ޝުޢޫރުތަަކަށް އިޙްތިރާމްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެކަންކަން އެކަށީގެންވާ ޙައްލުތަކެއް ހޯއްދަވައިދެއްވަމުންނެވެ. އަދި، ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ ވެސް އެ ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވައެވެ. 

ކިޔުންތެރިންގެ ހިޔާލު