ENGLISH

06 ޑިސެމްބަރު 2025

Advertisement

އައްޑޫ 'އޮޕަރޭޝަން އަލިމަގު'؛ މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރަށް

06 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަމާޒުކޮށްގެން ފުލުހުން ފަށާފައިވާ 'އޮޕަރޭޝަން އަލިމަގު' ގެ ދަށުން މިހާތަނެއް އައްޑޫގެ 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބުނެފިއެވެ. 

މީޑިއާތަކާ ރޭ ޙިއްޞާކުރި މެސެޖުގައި ފުލުހުން ބުނީ، ހައްޔަރުކުރި 10 މީހުންގެ ތެރެއިން 7 މީހަކު ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި، އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު މީހަކު އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު ޖަހައިފައެވެ. 

ކޯޓަށް ހާޒިރުކުރުން ބަންދުކުރުމަށް އަމަރުކުރީ ސ. ހިތަދޫ، ގުލްކަނދުގެ، ޙަސަން ނަޒީފް (36އ) އެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް އަމުކުރީ ފަސް ދުވަހަށެވެ. 

އައްޑޫގެ އެންމެ ބޮޑު ޑްރަގް ނެޓްވޯކް ރޫޅާލުމަށް ފަށާފައިވާ މަސައްކަތުގެ ދަށުށް ހިތަދޫއިން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ފަސް މީހަކު ހައްޔަރުކޮށްފައެވެ.

ހިތަދޫއިން ހައްޔަރުކުރީ، އަލީ ނަދީމް، 30، ކޮންމުލި، ސ. ހިތަދޫ، ހާފިޒު ފައުޒީ، 31، ފަލާހް، ސ. ހިތަދޫ، އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ، ސ. ހިތަދޫ، ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ، އަދި، ސ. ހިތަދޫ، އަމީން މުހައްމަދު، 23، ކެކުރިމާގެ، ސ. ހިތަދޫ އެވެ. 

އެރޭ ބަންދުކުރި ފަސް މީހުންގެ ތެރެއިން ތަޙްޤީގުގެ ބޭނުމަށް ނަދީމާއި ހާފިޒު އަދި ސިރާޖު ވަނީ 30 ދުވަހަށް ބަންދުކޮށްފައެވެ. 

ފުލުހުން ބުނީ އައްޑޫގައި ހައްޔަރުކުރި މީހުންގެ މައްސަލައިގެ ތަޙްޤީގު އެ އިދާރާއިން ކުރަމުންގެންދާ ކަމަށެވެ. 

މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބޮޑުންތަކެއް އައްޑޫއިން ހައްޔަރު ކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ހިންގަމުންދާ މި ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާގެޓް ކުރެވިގެންދާނެ ކަމަށެވެ. 

ރާއްޖެއިން ޑްރަގްގެ ވަބާ ނައްތާލުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ހަމައަށް ފުލުހުންގެ ތަހުގީގު އަރާހަމަވުމުން އެކަކަށް ވެސް އިތުރު ރަހުމެއް ހަމްދަރުދީއެއް، އިސްތިސްނާއެއް ނޯންނާނެ ކަމަށާއި ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު