ENGLISH

06 ޑިސެމްބަރު 2025

Advertisement

ބަޖެޓުން ފައިސާ ލިބޭ ލިސްޓުން އަދާލަތު ޕާޓީ ފުރަތަމަ ފަހަރަށް އުނިވެއްޖެ

06 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން. މެންބަރުން މަދުވެ ފައިސާ ލިބޭ ލިސްޓުން ވަނީ އުނިވެފައި.

ޕާޓީގައި ތިބި މެންބަރުންގެ އަދަދު 10،000 އިން ދަށަށް ގޮސް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ލިބޭ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެއެވެ. 

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ސިޔާސީ ޕާޓީތައް އާއްމުކޮށްފައެވެ. މީސްމީޑިއާގައި އާއްމުކުރި ޕޯސްޓުގައިވާ ގޮތުން އެ ލިސްޓުގައި ހިމެނެނީ ހަތަރު ޕާޓީއެކެވެ. 

ބަޖެޓުން ފައިސާ ލިބޭ ހަތަރު ސިޔާސީ ޕާޓީ އަކީ ވެރިކަންކުރާ ޕީއެންސީ (ކޮންގްރެސް ޕާޓީ)، އެމްޑީޕީ، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭ އެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ ފައިސާ ލިބޭ ސިޔާސީ ޕާޓީތައް އަދާހަމަ ކުރީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި ދުވަހަށް ބަލައިގެން ކަމަށެވެ. އެއީ 2025 ނޮވެމްބަރު 25 ވަނަ ދުވަހެވެ. އެދުވަހުގެ ނިޔަލަށް އަދާލަތު ޕާޓީގައި ތިބި މެންބަރުންގެ އަދަދު ވަނީ 10،000 އިން ދަށަށް ގޮސްފައެވެ. 

އަދާލަތު ޕާޓީ ރަޖިސްޓްރީ ކުރީ 2005 ވަނަ އަހަރުގެ އޮގަސްޓް 17 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު، އެ ޕާޓީގައި މިހާރު ތިބީ 8844 މެންބަރުންނެވެ. 

އިލެކްޝަންސްގެ ދަފްތަރުން ދައްކާގޮތުން ދަފްތަރުކުރެވިފައި 9 ސިޔާސީ ޕާޓީއެއް އޮތްއިރު 4 ޕާޓީއެއް ވަނީ އުވާލައިފައެވެ. 

ލިސްޓު ކުރެވިފައިވާ ސިޔާސީ ޕާޓީތައް:

  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 68665 މެންބަރުން 
  • ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 43765 މެންބަރުން 
  • ޖުމްހޫރީ ޕާޓީ - 13456 މެންބަރުން 
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 9011 މެންބަރުން
  • އަދާލަތު ޕާޓީ - 8844 މެންބަރުން
  • މޯލްޑިވްސް ނެޝަނަލް ޕާޓީ - 5836 މެންބަރުން 
  • ދަ ޑިމޮކްރެޓްސް - 3547 މެންބަރުން 
  • ޕީޕަލްސް ނޭޝަނަލް ފްރަންޓް - 3046 މެންބަރުން
  • މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ - 1874 މެންބަރުން

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ވާގޮތުން، ކޮންމެ އަހަރެއްގެވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 އިންސައްތައާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭންޖެހެއެވެ. އެ ފައިސާ ސިޔާސީ ޕާޓީތަކަށް ދޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކުގެ ތެރެއިން މެންބަރުން ތިބި އަދަދަށް ބަލައިގެންނެވެ. 

ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ވެރިކަންކުރާ ކޮންގްރެސް ޕާޓީއެވެ. އެންމެ މެންބަރުން ގިނަ ޕާޓީގެ ހައިސިއްޔަތުން ދައުލަތުން ދޭ ފައިސާގެ އެންމެ ބޮޑު އަދަދެއް ލިބެނީ ވެސް އެޕާޓީއަށެވެ. 

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު، ލިސްޓުން އުނިކޮށްފައިވާ ސިޔާސީ 4 ޕާޓީއަކީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އިތުރުން މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް އެވެ. 

ކިޔުންތެރިންގެ ހިޔާލު