ENGLISH
06 ޑިސެމްބަރު 2025
ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުގެ ތަރާދުގައި ބައެއް ދިވެހި ނޫސްވެރިންގެ ސުލޫކު
06 ޑިސެމްބަރު 2025
|
ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް ބައިވެރިވަނީ
ނޫސްވެރިކަމަކީ އެހެނިހެން ފަންނުތަކެކޭ އެއްގޮތަށް އަހުލާގީ ޒިންމާތަކެއް އޮންނަ، ވަކި ސުލޫކީ މިންގަނޑުތަކެއްގެ ތެރޭގައި ކުރިއަށްގެންދަންޖެހޭ ފަންނީ ނުހަނު ހައްސާސް މަސައްކަތެކެވެ. އެ މަސައްކަތުގެ ހައްސާސްކަން ޑިމޮކްރަސީއެއްގައި އިތުރުވަނީ އެ މަސައްކަތުގެ މައްޗަށް ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު ނިންމުންތައް ބަރޯސާވާތީއެވެ. އިންތިހާބުތަކުގައި ރައްޔިތުން ނިންމާ ނިންމުންތައް ބައްޓަންކުރަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ބޮޑު އަދި ހުތޫރަތްތެރި ޒިންމާ އަދާކުރަނީ ނޫސްވެރިން ކަމުގައިވާތީ، ނޫސްވެރިކަމުގައި ހިފަހެއްޓުން ލާޒިމު އުސޫލުތަކަކާއި ތަބާވާންޖެހޭ ހަމަތަކެއް ހުރެއެވެ.
މި ހިސާބުން އުފެދޭ ސުވާލަކީ ރާއްޖޭގެ ނޫސްވެރިން އަމަލުކުރަނީ މިދެންނެވުނު މިންގަނޑުތަކުގެ ތެރެއިންތޯއާއި، ނޫސްވެރިން ހިފަހެއްޓުން ލާޒިމު ސުލޫކީ މިންގަނޑުތައް އެވެރިން ހިފަހައްޓާތޯއެވެ؟ މި ސުވާލުގެ ޖަވާބު ލިބޭނީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކުގެެ ތަރާދުގައި ނޫސްވެރިކަން ކިރައިލެވިގެންނެވެ. އިސްލާމްދީނުގެ އުސޫލުތައް ބޭނުންކޮށްގެން ނޫސްވެރިންގެ ސުލޫކަށް ފާޑުކިޔައިފިނަމަ، ނުވަތަ އެ އުސޫލުތަކުގެ ތެރޭގައި ސުލޫކު ހިފަހެއްޓުމަށް ނޫސްވެރިންނަށް ތެދުވެރި ނަސޭހަތެއްދިނަސް ދީނީ ކާޑު ބޭނުންކުރާކަމަށް ބަޔަކު ތުހުމަތުކުރާނެތީ، ދީނުގެ ވާހަކަ އިހަށް މިވަގުުތަށް އެއްފަރާތްކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ބުނެ އެންމެ ގަދައަށް ވަކާލާތުކުރާ ނޫސްވެރިން ގަބޫލުކުރާ ހުޅަނގުގެ މިންގަނޑުތަކާއި ފިކުރުތަކާއި އުސޫލުތަކުގެ އަލީގައި އެ ނޫސްވެރިންގެ ސުލޫކު މިނެލައި ވަޒަންކޮށްލުމުން ނެރެވޭ ނަތީޖާއަކީ މިދެންނެވި ސުވާލުގެ ޖަވާބެވެ.
ސޮސައިޓީ އޮފް ޕްރޮފެޝަނަލް ޖާނަލިސްޓްސްގެ "އެސްޕީޖީ ކޯޑް އޮފް އެތިކްސް"އާއި ނިއުޔޯކް ޓައިމްސްގެ "އެތިކަލް ޖާނަލިޒަމް: ހޭންޑްބުކް ފޯ ރިޕޯޓާަސް އެންޑް އެޑިޓާސް" އަަދި ރޮއިޓަސްގެ "ރޮއިޓާސް ހޭންޑްބުކް އޮފް ޖާނަލިޒަމް" ފަދަ ނޫސްވެރިކަމުގެ އަހުލާގު ބަޔާންކުރާ ބައެއް ލިޔުންތަކަށް ބަލައިލުމުން ސާފުވާ ގޮތުން ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުގެ މައިގަނޑު ހަތަރު އަސާސަކީ؛ ތެދުވެރިކަމާއި، މިނިވަންކަމާއި، އަދުލުވެރިކަމާއި، ޖަވާބުދާރީވުމެވެ.
ނޫސްވެރިކަމުގެ އެންމެ އަސާސީ މަގުސަދަކީ ނުވަތަ ބޭނުމަކީ ތެދު ހަގީގަތް ހާމަކުރުމެވެ. ތެދުވެރިކަމާއެކު ކަންކަން ހިނގަމުންދާ ގޮތް ނުވަތަ ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފުވާނެހެން ތިލަކޮށްދިނުމެވެ. އެސްޕީޖީގެ ކޯޑް އޮފް އެތިކްސްގައި ބަޔާންކުރާ ފަދައިން ހަގީގަތް ހާމަކުރުމަކީ ހަމައެކަނި އަމާޒެއް ނޫނެވެ. އެއީ ނޫސްވެރިކަމުގެ އަސާސެވެ. އެއީ ނޫސްވެރިކަމަށްވުމަށް ގިރާކުރަންޖެހޭ އޮޅިގަނޑެވެ.
މި މިންގަނޑުން ދިވެހި ނޫސްވެރިންގެ ސުލޫކު މިންކުރަން ކުޑަ މިސާލެއް ފާހަގަކުރަމާ ހެއްޔެވެ؟ އިހަކަށް ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލުތަކަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ޖަވާބެއްގަައި އެމަނިކުފާނާއެކު ނޫސްވެރިންތަކެއް ބޭއްވި ބައްދަލުވުމެއްގަައި ނޫހެއްގެ އެޑިޓަރަކު އޭނާގެ ނޫހުގެ އެޑިޓޯރިއަލް ސިޔާސަތަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި ބުނި ވާހަކައެއް ރައީސް ފާހަގަަކުރެއްވިއެވެ.
ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރުމުގެ ނަމުގައި އުފައްދާފައިވާ ޖަމްއިއްޔާގެ ރައީސްގެ މަގާމަށް ނޫސްވެރިން އިންތިހާބުކޮށްފައި މިވަގުތު ހުންނެވި ބޭފުޅާ މި ވާހަކަފުޅާ ގުޅުވައިގެން ރައީސް ހެއްދެވީ އިތުރުފުޅެއްކަމަށް އެކްސްގައި ލިޔުއްވިއެވެ. ނަމަވެސް މި ބޭފުޅަކީ ރައީސް އިޝާރާތްކުރެއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ނޫނެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) އޭނާގެ ވާހަކައަށް ރައްދުދެއްވަމުުން ވިދާޅުވީ އެ ބައްދަލުވުމުގައި ނޫހެއްގެ އެޑިޓަރަކު އެއްފަހަރަށްވުރެ ގިނަ ފަހަރު އޭނާގެ ނޫހުގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ އިދިކީލަ ޕޮލިސީއެއް ކަމުގައި ބުނިކަމަށެވެ.
މި މިސާލުން ސާފުވީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުގެ ބިންގާ ކަމުގައިވާ ތެދު ދޮގު ބަލައިގެން ތެދު ހަގީގަތަށް ވާސިލުވުމަށް މަސައްކަތްކުރުމަށްފަހު، އެ ތެދު ހާމަކުރުމުގެ ޒިންމާވެސް ދިވެހި ބައެއް ނޫސްވެރިން އަދާނުކުރާ ކަމެވެ.
ނޫސްވެރިން ވާންޖެހެނީ މިނިވަން ބަޔަކަށެވެ. މާލީ ސިޔާސީ އަދި އެނޫންވެސް އެކި ޒާތުގެ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ތެދުވެރިކަމާއެކު ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭ ބަޔަކަށެވެ. ނިއުޔޯކް ޓައިމްސްގެ އެތިކަލް ޖާނަލިޒަމް ހޭންޑްބުކްގައި ސިފަކުރާ ގޮތުން އިސްތިގުލާލު ނުވަތަަ މިނިވަންކަމަކީ ނޫސްވެރިކަމުގެ ނަޒާހަތްތެރިކަމުގެ ނާރެހެވެ. އިސްތިގުލާލު ގެއްލޭ ހިސާބުން ނޫސްވެރިކަމުގެ ނަޒާހަތްތެރިކަން ނެތިދެއެވެ.
މިދެންނެވުނު އިސްތިގުލާލު ހާސިލުވަނީ އަމިއްލައަށް މިނިވަންކަމާއެކު މަސައްކަތްކުރަން އުޅުމުންނެވެ. ސިޔާސީ ވާދަވެރިކަަމުގައި ވަކި އަތަކަށްޖެހިފައި ތިބޭނަމަ، އަދި ވަކި ސިޔާސީ ވިސްނުމަކަށް ލޯބިކޮށް އަނެއް ސިޔާސީ ވިސްނުމަށް ނަފުރަތުކުރާނަމަ، މިނިވަންކަމާއި އިސްތިގުލާލާއެކު ނޫސްވެރިކަން ނުކުރެވޭނެއެވެ.
ބައެއް ނޫސްވެރިން ފެންމަތިވަނީ ވަކި ސިޔާސީ ޕާޓީއެއް ނުވަތަ ފިކުރެއް ވެރިކަމަށް އައުމުންނެވެ. އިސްވެދެންނެވުނު ޖަމްއިއްޔާއަކީ މިދެންނެވި ބަހުގެ މިސާލެކެވެ. އެ ޖަމްއިއްޔާގެ ރައީސް ސިފަކުރައްވާ "ކަނާތު ފިޔަ"އިގެ ޕާޓީތަކުން ވެރިކަންކުރާއިރު ނިކަން ހަރަކާތްތެރިކޮށް އޮންނަ ޖަމްއިއްޔާ އެނޫން ޕާޓީއެއް ވެރިކަންކުރާއިރު އޮންނަނީ ނިދައިފައެވެ. ފަހަރުގައި ކަމުދާ ފިކުރަކުން ވެރިކަންކުރާތީ ދައްކާނެ ވާހަކައެއް ނުހޯދެނީ ކަމުގައި ވެދާނެއެވެ.
އަނެއްބައި ނޫސްވެރިންނަކީ އެ ނޫސްވެރިން މަސައްކަތްކުރާ ތަންތަނާ ގުޅިފައިވާ މާލީ އެކި މަސްލަހަތުތަކުން ބަދެވިފައި ތިބޭ މީހުންނެވެ. ފަންޑުކުރާ ވިޔަފާރިވެރިން ބޭނުންވާ ގޮތަށް ނޫނީ އެއިން ނޫހެއްގައި ވާހަކައެއް ނުލިޔެވެއެވެ. ރައްޔިތުންނަށް ނުހަނު މަންފާކުރާ ކަންކަމުގައި އެނގި ތިބެ، ވިޔަފާރިވެރިންގެ މަސްލަހަތުގައި ހަގީގަތް އޮޅުވައިލާ ލިޔުންތައް ޝާއިއުކުރީ އަދި ކުރަމުންދަނީ މިދެންނެވި ސަބަބާހުރެ ނޫން ހެއްޔެވެ؟
ނޫސްވެރިންގެ އިސްތިގުލާލަކީ ނޫސްވެރިކަމުގެ ފަންނަށް އޮތް ރައްކާތެރިކަމެކެވެ. އެއީ އެ ފަންނަށް އިތުބާރު ލިބޭ ކަމަކަށްވާތީއެވެ. އެއީ މުޖުތަމައަށްވެސް އޮތް ރައްކާތެރިކަމެކެވެ. އެއީ ނޫސްވެރިކަމުގެ ފަންނުގެ އިތުބާރު ނެގެހެއްޓުމާއެކު، ޒިންމާދާރު ވަކި އަތަކަށް ހުސްނުވެ ތެދުވެރިކަމާއެކު ކަންކަން ބަޔާންކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް ނޫސްވެރިންނަށް މަގުފަހިވާ ކަމަކަށްވާތީއެވެ.
ރާއްޖޭގެ ވަރަށް ގިނަ ނޫސްވެރިން ފެންނަނީ މިދެންނެވުނު އިސްތިގުލާލުން ބޭރުވެ، ކޮންމެވެސް މަސްލަހަތަކުން ބަދެވި، ނުނެއްޓެވި، ވަކި މަގަކުން ނޫނީ ހިނގުން މަނާވެފައި ތިބޭ ތަނެވެ.
ނޫސްވެރިކަމުގެ އަހުލާގުގައި އަދުލުވެރިކަމަކީ ވަރަށް މުހިއްމު އެއް ބަހާއެވެ. އެއީ ނޫސްވެރިންގެ ރިޕޯޓުތަކުގައި ކަވަރުކުރާ މައުޟޫއުތަކަށް އަދި އެ މައުޟޫއުތަކާ ގުޅިގެން އެ ވާހަކަތަކުގެ ތެރެއަށް ވައްދަންޖެހޭ މީހުންނާމެދު އަދުލުވެރިވުމެވެ. ނޭނގޭ ކަންކަން، އެނގޭ ކަންކަން ވަކިވާނެހެން، ތުހުމަތާއި ސާބިތުވާ ކަންކަން ތަފާތުވާނެހެން ރިޕޯޓުކުރަންޖެހެއެވެ. ކޮންމެ ބަޔަކަށްވެސް އެ ބައެއްގެ ބަސް ބުނުމަށް ފުރުސަތު ދޭންޖެހެއެވެ. ރިޕޯޓުކުރަަންޖެހެނީ ހެއްކާއި، ހުރިހާ ފަރާތެއްގެ ވާހަކަ ހިމެނޭ ގޮތަށެވެ.
މިދެންނެވުނު ވާހަކަތަކަކީ އެމެރިކަން ޕްރެސް އިންސްޓިޓޫޓްގެ ޕްރިންސިޕަލްސް އޮފް ޖާނަލިޒަމްގައިވެސް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައި ހުރި ކަންކަމެވެ. މައްސަލަަތައް، އެ މައްސަލަތަކުގައި އެކުލެވޭ ހުރިހާ ތަފުސީލުތަކާއި އެކި ފަރާތްތައް ބަޔާންވާނެ ގޮތަށް ތަފުސީލުކޮށް ކިޔައިދިނުމަކީ އަދުލުވެރިކަން ނިޔާކުރާ ނޫސްވެރިންނަށް އެކަމަކުން ބޯދަމައިނުގަނެވޭނެ އަހުލާގީ ޒިންމާއެކެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު، ތުހުމަތުތަކުގެ ވާހަކަތައް ނޫސްތަކުގައި ރިޕޯޓުކުރަނީ މިދެންނެވުނު އިޖުރާއާތު ފުރިހަމަކޮށް ތުހުމަތުވާ ފަރާތްތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހު ހެއްޔެވެ؟ ފެންނަ ހަގީގަތަކީ ތުންތުން މަތިން ދެކެވޭ ވާހަކަތަކުގެ މައްޗަށް ކުރު ހަތަަރު ޕެރެގުރާފުގެ ހަބަރު ލިޔެލާފައި ދޫކޮށްލާއިރު، އެއިން ފަހުން ކުރާނެ އަސަރަކަށް ނުވިސްނައެވެ. މައްސަލަަތަކުގައި އެކުލެވޭ ގިނަ ތަފުސީލުތައް ނުވަތަ ނުއޭންސްތައް އެއްކައިރިކޮށް، އެންމެ ތިލަ އާދައިގެ ވިސްނުމުން މައްސަލަތައް ގެނެސްދެނީ ކަންނެތްކަމުން ނުވަތަ ކަންފަސޭހަކަމުންކަމަށް ބުނެވިދާނެއެވެ.
ދެން އޮތީ ގެއްލުން ކުޑަކުރުމުގެ މަފުހޫމެވެ. ނޫސްވެރިކަމުގެ އަހުލާގުގެ ތެރެއިން މީހަކާމެދު ނުވަތަ ކަމަކާމެދު ރިޕޯޓުކުރާއިރު، އެ މީހަކަށް ނުވަތަ އެކަމެއްގައި ޝާމިލުވާ ނާޒުކު ހާލަތުގައި ތިބޭ ފަރާތްތަކަށް ގެއްލުން ކުޑަވާނެ ގޮތަށް ރިޕޯޓުކުރަންޖެހެއެވެ. މިސާލެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ކުދިންގެ ވަނަވަރު އެނގޭނެ ނުވަތަ އެނގިދާނެ ކަމުގައި ބެލެވޭ އެއްވެސް ކަމެއް ރިޕޯޓުކޮށްގެންނުވާނެއެވެ. އަދި ބޮޑެތި ތުހުމަތުތައް މީހުންނަށް ކުރެވޭ ހާލަތުގައި ތުހުމަތެއްކަން ނޭނގި އެއީ ހަގީގަތެއް ކަމުގައި ހީވާ ގޮތަށް ކަންކަން ގެނެސްދީގެންނުވާނެއެވެ.
ނޫސްވެރިންނަކީ އެންމެ ގިނައިން އެހެން މީހުން ޖަވާބުދާރީވާންޖެހޭ ވާހަކަދައްކާ މީހުންނެވެ. އެހެންމީހުން ނަޒާހަތްތެރިވާންޖެހޭ ވާހަކަ އެންމެ ގިނައިން ލިޔެ ދައްކައި އުޅެނީ ނޫސްވެރިންނެވެ. ކުރިން ބަޔާންކުރި ނިއުޔޯކް ޓައިމްސްގެ ހޭންޑްބުކާއި ރޮއިޓާސްގެ ހޭންޑްބުކުގައި އެންމެ ބޮޑަށް ފާހަގަކުރާ އެއް އުސޫލަކީ ޖަވާބުދާރީވުމާއި ދެފުށްފެންނަ ގޮަތަށް ކަންކަން ކުރުމެވެ.
ނޫސްވެރިޔަކު ލިޔާ ރިޕޯޓަކާ ގުޅިގެން ނުވަތަ ގެންނަ ހަބަރަކާމެދު ނުރުހުމެއް ނުވަތަ ސުވާލުތަކެއް އުފެދިއްޖެނަމަ އެ މައުލޫމާތު ހާމަކުރި ސަބަބާއި، އެ ހާމަކުރުމާ ހަމައަށް ވާސިލުވި ގޮތް ކިޔައިދޭންޖެހޭނެ ކަމުގައި އެސޯސިއޭޓެޑް ޕްރެސްގެ އޭޕީ ނިއުސް ވެލިއުސް އެންޑް ޕްރިންސިޕަލްސްގައި ބުނެފައިވެއެވެ. ހަމައެފަދައިން ކުށެއް ހެދިއްޖެނަމަ ވީހާވެސް އަވަަހަކަށް އާއްމުކޮށް އެ ކުށެއް ރަނގަޅުކުރުމާއެކު ކުށަށް އެއްބަސްވުމަކީ އަހުލާގީ ނޫސްވެރިކަމުގެ އަސާސެއް ކަމުގައި އިސްވެ ދެންނެވުނު ހުރިހާ ލިޔުމެއްގައި ބަޔާންކުރެއެވެ.
ސުވާލަކީ، މިރާއްޖޭގައި ނޫސްވެރިޔަކު ގެނައި ހަބަރެއް ދޮގުކަން ސާބިތުވެގެން މައާފަށް އެދުނީ ކިތައް ފަހަރުތޯއެވެ؟ ނޫސްވެރިންނަށް ކުށެއް ލިޔެވުމުން އެކަމެއް ފާހަގަކޮށް އާއްމުކުރުމަކީ ހިނގާ ކަމެއްތޯއެވެ؟ މިސާލެކެވެ. ކެބިނެޓު ބައްދަލުވުމެއް ނުވެސް ނެތީސް ކެބިނެޓު ބައްދަލުވި ވާހަކަ ލިޔުނު ނޫހުން އެކަމަށް މައާފަށް އެދި އެކުށް ރަނގަޅުކުރި ހެއްޔެވެ؟ މިނޫނަސް އެކި މީހުންގެ ބޮލުގައި އަޅުވާ ތުހުމަތުތައް ސާބިތުނުވުމުން އެއްވެސް ނޫހަކުން މައާފަށް އެދި ހެދުނު ގޯސް ގަބޫލުކޮށްފައިވޭ ހެއްޔެވެ؟
މިދެންނެވުނު ކަންކަމަށް ބަލާއިރު، ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުގެ އެންމެ އަސާސީ އުސޫލުތަކަކީ ތަރާދުކަމަށް ބަލައި އެއިން ދިވެހި ނޫސްވެރިންގެ ސުލޫކު ވަޒަންކުރުމުން ނެރެވޭ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ގައިމުވެސް ނޫސްވެރިން ރަނގަޅުކުރަންޖެހޭ ކަންކަން ގިނަ ކަމުގައި ދިވެހީންގެ އަޣުލަބިއްޔަތު އެއްބަސްވެ އިއްތިފާގުވާނެއެވެ. ސަބަބަކީ ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމްގެ މިންގަނޑުތަކާއި، އެ ފަންނުގެ އަހުލާގީ ހަމަތަކާއި ދިވެހިން ނޫސްވެރިންގެ ސުލޫކާއި އުޅުމާއި އަމަލުތަކުގެ މެދުގައި އޮތް ދުރުކަމުންނެވެ. އެ ދުރުކަން ކުޑަކޮށް އެ އަހުލާގީ މިންގަނޑުތަކަށް ތަބާވެގެން ނޫނީ ނޫސްވެރިންނަށް އިތުބާރު އިއާދަނުވާނެއެވެ.