ENGLISH

06 ޑިސެމްބަރު 2025

Advertisement

ފައްޔާޒު ވިދާޅުވާ ގޮތުން އެމްޑީޕީގެ މޭޔަރެއްގެ ދައުރަކީ ސަރުކާރު ނީސްތައްޓަށް އަރުވައިލުން؛ މިއީ ރަނގަޅު ގޮތްތަ؟

06 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ކުރިއަށް އޮތީ ލޯކަލް ކައުންސިލު އިންތިހާބެވެ. ހުރިހާ ޕާޓީއެއްގެ އަމާޒު ހުރީ އެ އިންތިހާބަށެވެ. އެ އިންތިހާބުގައި އިންތިހާބުކުރާ އެންމެ މުހިއްމު އެއް މަގާމަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަައާ ގާތްކުރާ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ރާއްޖޭގެ ވެރިރަށް މާލެ ސިޓީގެ މޭޔަރެވެ. މާލެ ސިޓީ ކައުންސިލަކީ މި ޝަހަރުގައި ދިރިއުޅޭ ލައްކައަކަށްވުރެ ގިނަ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އޮންނަ ކައުންސިލެކެވެ. އެ ކައުންސިލު ހިންގަވަން ހުންނަވާ ބޭފުޅަކީ މުޅި މާލޭ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ މި ސިޓީގެ މޭޔަރެވެ. 

މޭޔަރުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާއަކީ ކައުންސިލުގެ ނިންމުންތަކާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމެވެ. އެހެންކަމުން އެ މަގާމަކީ ސިޔާސީ ބޭފުޅަކު އިންތިހާބުވާ މަގާމަކަށްވީ ނަމަވެސް ސިޔާސީ ވިސްނުން އެއްފަރާތްކޮށް މާލޭ ރައްޔިތުންނަށް ހިދުމަތް ދިނުމަށް މަގުފަހިވާނެހެން އޮންނާންޖެހޭ މަގާމެއް ކަމުގައި ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. 

ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ ވިސްނުންފުޅު ހުރީ މުޅިން އެހެން މިސްރާބަކަށެވެ. ރޭ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ފައްޔާޒުވަނީ އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ދެ އާޒިމުކަމަށްވާ މިހާރުގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ތެރެއިން އަލީއަށް ތާއީދުކުރައްވާަފައެވެ. 

ފައްޔާޒުގެ ވާހަކަފުޅު ފެއްޓެވީ މޭޔަރުގެ އިސްތަށިފުޅުގައި ގާނޫނުން އެޅިފައި ނެތް ޒިންމާއެއް އެޅިފައި އޮތްކަމަށް ވިދާޅުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޒިންމާއަކީ ސަރުކާރުގެ ބަލިކުރުމެވެ. މާލޭ ރައްޔިތުންނަށް ހިދުމަތް ދިނުމާއި، ލާމަރުކަޒީ ގާނޫނުގައި މާލޭ ސިޓީ ކައުންސިލާ މަތިކުރާ ޒިންމާތަކާއި، ސަރުކާރުގެ ބަލިކުރުމާ ގުޅޭ ގޮތެއް ފައްޔާޒު ވިދާޅުވެފައި ނެތެވެ. 

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މާލޭ ސިޓީ މޭޔަރުކަމުގައި ހުންނަވަންވީ ސަރކާރުގެ ސިޔާސަތުތަކާ ނިންމާ ނިންމުންތކާ ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވާނެ ބޭފުޅެކެވެ. ފައްޔާޒު ސިފަކުރައްވާ ގޮތުގައި ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ތަަންފީޒުކުރަނީ ދެކޮޅުނުޖެހޭ ސިޔާސަތުތަކެވެ. ދެކޮޅުނުޖެހޭ ސިޔާސަތަކީ ކޮބައިކަން އަދި ދެކޮޅުނުޖެހެނީ ކިހިނެއްކަން ވިދާޅުވެދެއްވާފައިނެތެވެ. 

އިތުރަށް ފައްޔާޒު ވިދާޅުވީ މޭޔަރުގެ ގާނޫނީ ޒިންމާތައް އަދާކުރުމުގެ އިތުރަށް އެމްޑީޕީއަށް ބޭނުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކު ސަރުކާރު ނީސްތައްޓަށް އަރުވައިލާނެ އިދިކޮޅު މޭޔަރެކެވެ. ސުބްޙާނަﷲއެވެ. ސަރުކާރު ނީސްތައްޓަށް އަރުވައިލެވޭނީ ކިހިނެއްހެއްޔެވެ؟ މާލޭގެ މަގުތަކުގެ ހަމަޖެހުން ނަގާލައިގެން ހެއްޔެވެ؟ ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ގޮތަށް ސިޓީ ކައުންސިލުގެ ވަސީލަތްތައް ބޭނުންކުރުން ހެއްޔެވެ؟ ނޫނީ ސިޓީ ކައުންސިލު ބޭނުންކޮށްގެން ސަރުކާރާމެދު ރުޅިވެރިކަން އުފެދޭނެ ގޮތަށް މާލޭގެ ކަންކަން ބައްޓަންކުރުން ހުއްޔެވެ؟ ފައްޔާޒު ޝާއިއުކުރެއްވި ޕޯސްޓާ ގުޅިގެން މިފަދަ ހާސް ސުވާލު އުފެދެއެވެ. 

ފައްޔާޒު ވިދާޅުވި ގޮތުގައި އޭނާ އެ ސިފަކުރެއްވި ގޮތަށް މަސައްކަތްކުރައްވައި ސަރުކާރު "ނީސްތައްޓަށް" އަރުވައިލެއްވޭނެ ބޭފުޅަކީ އަލީ އާޒިމެވެ. އެހެންވީމާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒާއި އޭނާގެ ޓީމުން ތާއީދުކުރައްވާނީ އޭނާއަށެވެ. 

ނަމަވެސް މިހައިހިސާބުން އުފެދޭ ސުވާލަކީ އެމްޑީޕީން މާލެ ސިޓީއާއި ރާއްޖޭގެ އެހެނިހެން ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތައް ކާމިޔާބުކުރަން ބޭނުންވަނީ މިހާރު މިއޮތް ސަރުކާރަށް ދަތިކޮށް ކޮންމެ ދުވަހަކު ސަރުކާރު ނީސްތައްޓަށް ދުއްވައިލުންތޯއެވެ؟ އެއަށްވުރެ މުހިއްމު ސުވާލަކީ ސަރުކާރު ނީސްތައްޓަށް ދުއްވަައިލުމަކީ ރައްޔިތުން އެދޭ ބޭނުންވާ ކަމެއްްތޯއެވެ؟ 

ކިޔުންތެރިންގެ ހިޔާލު