ENGLISH

05 ޑިސެމްބަރު 2025

Advertisement

ހުޅުމާލޭގެ ގެސްޓްހައުސްއިން މަރުވި ނޭޕާލް މީހާގެ ބަނޑުން 78 ބްލެޓް ނަގައިފި

05 ޑިސެމްބަރު 2025

|

ހަސަން އާމިރު

ހުޅުމާލޭގައި ހުރި ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ބަނޑުން 78 ބުލެޓްގެ މަސްތުވާތަކެތި ނަގާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނޮވެމްބަރު 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ހަށިގަނޑުން ނެގި ބުލެޓުތަކުގެ ބަރުދަނުގައި 818 ގްރާމް ހުރި ކަމަށެވެ. އެ މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ނެތަސް، އޭނާގެ ހަށިގަނޑުގެ ސީޓީ ސްކޭން ހެދިއިރު ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށް ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ނޭޕާލުގެ 40 އަހަރުގެ އެ ފިރިހެން މީހާ ރާއްޖެ އައިސްފައި ވަނީ އިތުރު ދެ މީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހު އެވެ. އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިންގ ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

ނިޔާވި މީހާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދައި، ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ޑިސެމްބަރު 2 ވަނަ ދުވަހުގެ ރޭ ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށް ވެސް ބުންޏެވެ. އަދި ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުންނެވެ. 

ފުލުހުން ބުނީ މި މައްސަލައިގެ މައުލޫމާތު ހާމަކޮށްފައިނުވަނީ މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި މިމައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މިމައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދިއުމާއެކުއެވެ. އަދި މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަކުރެއްވުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި މައުލޫމާތު ހާމަކުރައްވާއިރު ތެދު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު