ENGLISH

05 ޑިސެމްބަރު 2025

Advertisement

ޓެލެތޯނުން ލިބުނު އަށްލައްކަ އަށް ވުރެ ގިނަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި

05 ޑިސެމްބަރު 2025

|

ހަސަން އާމިރު

ސްރީ ލަންކާ އަށް އެރި ތޫފާން "ދީތުވާ" ގެ ސަބަބުން އެ ގައުމުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޕީއެސްއެމްއާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނުން ލިބުނު އަށް ލައްކައަށް ވުރެ ޑޮލަރު ސްރީ ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.

ރާއްޖޭގެ 40 އަށް ވުރެ ގިނަ މީޑިއާ ގުޅިގެން 29 ގަޑިއިރަށް ކުރިއަށް ގެންދިޔަ ޓެލެތޯނުން ލިބުނު 834,843.98 ޑޮލަރު ސްރީ ލަންކާ ސަރުކާރާ ހަވާލުކޮށްފައި ވަނީ އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ. 

ސަރުކާރާއި މީޑިއާތައް ގުޅިގެން "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނުން 12.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެލެތޯނަށް ބޮޑު ތަރުޙީބެއް ލިބުނުއިރު، ވިޔަފާރިވެރިންނާއި، އޮފީސްތަކާއި، ޖަމިއްޔާތަކާއި އެކި ފަންތީގެ އަމިއްލަ ފަރުދުން ވަނީ ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ. 

ލަންކާ އިން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖެއިން ދޭން ނިންމި 25،000 މަސްދަޅު ކޭސް ވެސް މިއަދު ވަނީ އެ ގައުމާ ހަވާލުކޮށްފަ އެވެ. ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ލަންކާ އަށް ހަދިޔާކުރި މަސްދަޅު ކޭސްތަކުގެ އަގު 1,232,166.02 ޑޮލަރަށް އަރަ އެވެ. 

ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި ގެންދިޔަ 14 ކޮންޓެއިނަރުގެ މަސްދަޅު ކޭސް ސްރީ ލަންކާއާ މިއަދު މެންދުރު ފަހު ހަވާލުކޮށްދެއްވީ ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. ސްރީ ލަންކާ ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެފައި ވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އޮޕަރޭޝަންސް ޑިރެކްޓަރ ބްރިގޭޑިއާ ރޮޝާން ދަރުމަވިކްރަމަ އާއި ވެސްޓަން ނޭވަލް އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ އަރުނަ ވިޖެވަރްދަނާ އަދި ލަންކާގެ ފޮރިން މިނިސްޓްރީގެ ޑިޕިއުޓީ ޑިރެކްޓަރ ޑަޔާނާ ޕެރާރާ އެވެ.

ތޫފާނުގައި އެތައް ގެއްލުމެއްވި ލަންކާއަށް އެހީގެ ގޮތުގައި މަސްދަޅު ކޭސްތައް ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމީ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. އެދުވަހު ފޮރިން މިނިސްޓްރީން އާއްމުކުރި ބަޔާނުގައި ބުނީ 25،000 މަސްދަޅު ކޭހާއި 50،000 ޑޮލަރު ލަންކާއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ. މި ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ ވެސް ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ.

މި އެހީތެރިކަން ރަމްޒު ކޮށްދެނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު