ENGLISH
05 ޑިސެމްބަރު 2025
ރާއްޖެއިން ދިން އެހީތެރިކަން ރަން އަކުރުން ލިޔެވިގެންދާނެ: ލަންކާ ސަފީރު
05 ޑިސެމްބަރު 2025
|
ދިވެހިން ލަންކާގެ ރައްޔިތުންނަށް ވެދިން އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޭއްވި އެއްވުމުމުގެ ތެރެއިން. --ފޮޓޯ:އެމްއެމްޓީވީ
ރާއްޖެއިން ލަންކާއަށް ދިން އެހީތެރިކަން ރަން އަކުރުން ލިޔެވިގެންދާނެ ކަަމަށް ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަން ވިދާޅުވެއްޖެ އެވެ.
ސަފީރު މިފަދައިން ވިދާޅުވީ، ތޫފާން "ދިތުއާ"ގެ ސަބަބުން ލަންކާ އަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދިވެހިން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ލަންކާ މީހުން މިއަދު ހަވީރު ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ލަންކާއަށް ވެދިން އެހީތެރިކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިވެހި ސަރުކާރަށާއި، އަމިއްލަ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ސަފީރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ލަންކާ ރައްޔިތުންގެ މި އެއްވުން ބޭއްވީ، ބޮޑުތަކުރުފާނު މަގުގައި މާލެ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާއި ބެހޭ ބައިގެ ކުރިމަތީގަ އެވެ. މި އެއްވުމުގައި ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ބައިވެރިވި އެވެ.
މި އެއްވުމުގައި ބައިވެރިވި ލަންކާގެ ރައްޔިތުން ތިބީ، ޝުކުރު ވެރިކަމުގެ ޕޯސްޓަރުތައް ހިފައިގެންނެވެ. މި ހަރަކާތް މިއަދު ހަވީރު 5:00 ގައި ފެށިއިރު، އެއްވުން ކުރިއަށް ގެންގޮސްފައިވަނީ ހަމަހިމޭން އެއްވުމެއްގެ ގޮތުގަ އެވެ.
މި އެއްވުމުގައި ބައިވެރިވި ފަރާތްތަކުން މީޑިއާއަށް ހިއްސާކޮށްފައިވާ ޝުއޫރުތަކުގެ ތެރޭގައި ދިވެހިން ވެދިން އެހީތެރިކަން އެމީހުންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެކަމަށާއި ހިތުގެ އަޑިން ޝުކުރު އަދާ ކުރާކަމަށް ބުންޏެވެ.
ސްރީލަންކާއަށް ދިމާވި ކާރިސީ ހާދިސާގައި އެ ގައުމަށް އެހީތެރިކަމުގެ އެންމެ ފުރަތަކަ އަތެއް ދިއްކޮށްލި ބަޔަކީ ދިވެހިރާއްޖެ ކަމާއި، ދިވެހި ކޮންމެ ރައްޔިތަކުވެސް އެމީހުންނަށް އެހީވުމަށް އެކުވެރިކަމާއެކު މަސައްކަތް ކުރިކަން އެމީހުން ފާހަގަކުރި އެވެ. އަދި ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށްވީ ނަމަވެސް، ދިވެހިން ވެދިން އެހީތެރިކަން ބޮޑުކަން ލަންކާ ރައްޔިތުން ފާހަގަކުރި އެވެ.
ދިވެހި ސަރުކާރުން ލަންކާއަށް ވެދިން އެހީތެރިކަމުގެ އިތުރުން، ސަރުކާރާއި މީޑިއާތައް ގުޅިގެން "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނުން 12.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެލެތޯނަށް ބޮޑު ތަރުޙީބެއް ލިބުނުއިރު، ވިޔަފާރިވެރިންނާއި، އޮފީސްތަކާއި، ޖަމިއްޔާތަކާއި އެކި ފަންތީގެ އަމިއްލަ ފަރުދުން ވަނީ ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުންވެސް ވަނީ، ލަންކާއަށް 50،000 ޑޮލަރާއި، 25،000 މަސްދަޅު ކޭސް ދީފަ އެވެ.
ތޫފާން "ދީތުވާ" ގައި ލަންކާގެ 22 އަވަށަކަށް އަސަރުކޮށްފައިވާކަން އެޤައުމުން ވަނީ އިޢުލާނުކޮށްފަ އެވެ. ސުނާމީއަށް ފަހު އެޤައުމަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ހާދިސާގައި މިހާތަނަށް 479 މީހަކު މަރުވެފައިވާކަން އެޤައުމުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި 366 މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.