ENGLISH

05 ޑިސެމްބަރު 2025

Advertisement

ވީއައިއޭގެ ޓާމިނަލް 1 އިން އިއްތިހާދު އެއާވޭސްއަށް ޚިދުމަތްދޭން ފަށައިފި

05 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ވީއައިއޭ ޓާމިނަލް އެކަކުން އިއްތިހާދު އެއާވޭސްއަށް ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރ ޓާމިނަލް އިން ޔުނައިޓެޑް އެރަބް އެމިރޭޓްސް (އޫއޭއީ) ގެ، އިއްތިހާދު އެއާވޭސްއަށް ޚިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް 1 އިން އިއްތިހާދު އެއާވޭސްއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އެވެ.

މި ރަސްމިއްޔާތުގައި އިއްތިހާދު އެއާވޭސްގެ އޭރިއާ މެނޭޖަރ ސެންޓްރަލް ރެހާން މުހައްމަދު ފާއިޒު އާއި އެ އެއާލައިންގެ އެއާޕޯޓް މެނޭޖަރ މުނާޒު އަލީގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި އިއްތިހާދު އެއާވޭސް ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 305 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އިއްތިހާދު އެއާވޭސްގެ ފުރަތަމަ ފްލައިޓް، EY376 އިން ރާއްޖެ އައި 180 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އިއްތިހާދު އެއާވޭސްއަކީ ޔޫއޭއީގެ ގައުމީ އެއް އެއާލައިނެވެ. އަދި އެއީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ ނޮވެމްބަރު 1، 2011 ގަ އެވެ. 

އިއްތިހާދު އެއާވޭސްއާ އެކު ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 29 އަށް އިތުރުވެފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު