ENGLISH
05 ޑިސެމްބަރު 2025
ސަރުކާރާ ދެކޮޅުކަން ނޫހަކުން އިއުލާނުކުރުމުން ޕްރޮފެޝަނަލިޒަމް ގެއްލުނީ، އެއީ ޕޮލިޓިކަލް އެކްޓިވިޒަމް: ރައީސް
04 ޑިސެމްބަރު 2025
|
މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ނޫހެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅުވުންކަން އިއުލާނުކުރުމާއެކު އެ ނޫހެއްގެ ޕްރޮފެޝަނަލިޒަމް ގެއްލި، ސިޔާސީ އެކްޓިވިޒަމް ނުވަތަ ހަރަކާތްތެރިކަމުގެ ތެރެއަށް ވަދެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިފަދައިން ރައީސް ވިދާޅުވީ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ކުރިއަށްގެންދެވި ބައްދަލުވުމުގައި ރައްޔިތުންނަށް ސުވާލުކުރަން ދިން ފުރުސަތުގައި ރައީސް ނޫސްވެރިންނަށް ޖަވާބުދާރީވެވަޑައިނުގަންނަވާކަމަށް ބުނެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުވަނީ ނޫސްވެރިން އެމަނިކުފާނާ ކުރަން ބޭނުންވި ހުރިހާ ސުވާލުތަކަށް ޖަވާބުދެއްވައި، ނޫސްވެރިންގެ ސުވާލުތައް ހުސްވެ އިތުރަށް ކުރާނެ ސުވާލެއް ނެތްކަމަށް ބުނަންދެން ދިގު ނޫސް ކޮންފަރެންސެއް ބާއްވަވާފައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ނޫސްވެރިން ސުވާލުކުރަން ބޭނުންވެއްޖެނަމަ އެ ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އިތުރަށް ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ނޫސްވެރިކަމަކީވެސް އެހެނިހެން ފަންނުތަކެކޭ އެއްގޮތަށް ވަރަށް ޕްރޮފެޝަނަލްކޮށް ހިންގަންޖެހޭ ދާއިރާއެއް ކަމަށެވެ. ނޫސްވެރިކަމަަކީ ޒިންމާދާރުކަމާއެކު ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެނޫހެއްގެ އެޑިޓޯރިއަލް ސިޔާސަތަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި އިއުލާނުކުރާ ހިސާބުން ނޫސްވެރިކަމުގެ ފަންނުގެ ޕްރޮފެޝަނަލިޒަމާ ހިލާފުވީ ކަމަށެވެ.
"މިހެން ދަންނަވަން މިޖެހުނީ، އެންމެ ފަހުން ނޫސްވެރިންގެ ތެރެއިން ބޭފުޅުންތަކެއް ވަޑައިގެން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދެންމެ އަޅުގަނޑާ ސުވާލުކުރި ނޫސްވެރިޔާގެ އެޑިޓަރު ވިދާޅުވީ ތިމަންނަމެންގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ޕޮލިސީއެއް ކަމުގައި. އެހިސާބުން އޭގެ ވަކިއަތަކަށް ނުޖެހުން ގެއްލުނީ،" ރައީސް ވިދާޅުވިއެވެ.
އެހިސާބުން އެނޫހެއްގައި އިންނާނީ އިިދިކޮޅު ލެންސެއް ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހިސާބުން ކަނޑައެޅިގެން ވަކި އަތަކަށް ޖެހުނީކަމަށާއި، އެއީ ނޫސްވެރިކަން ނޫންކަމަށާއި އެހިސާބުންވާނީ ސިޔާސީ އެކްޓިވިޒަމަށް ކަމުގައެވެ.
އަދި މިހާތަނަށް މީޑިޔާ ގާނޫނުގެ ދަށުން ވުޖޫދުވި މީޑިޔާ ކޮމިޝަނުން މިހާތަނަށް މީޑިޔާއަކާމެދު ފިޔަވަޅެއް އެޅިކަން އެނގިވަޑައިނުގަންނަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ތަންމިނަށް ނޫސްވެރިކަމުގެ މިނިވަންކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ނޯންނާނީ ހަމައެކަނި ގާނޫނުއަސާސީއާ ހިލާފު އަދި އިސްލާމްދީނާ ހިލާފު ވާހަކަދެއްކުމާއި މީހުންގެ އަބުރަށް އަރައިގަތުން ކަމަށެވެ.
"ކޮންމެ ރައްޔިތެއްގެވެސް އަބުރު ހަމަހަމަ. އެއީ މަތިން ބާވާލައްވާފައިވާ ގާނޫނެއް. އެ ގާނޫނާ ހިލާފަށް ކޮންމެ ލޭބަލެއް އަޅުވައިގެން އަޔަސް މި ސަރުކާރުން އެ ފުރުސަަތެއް ނުދޭނަން. އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ދެ ފަރާތް ހަމަހަމަަކޮށް ގެނެސްދިނުމާއެކު، ތެދު ބަހުން މައުލޫމާތު ފެތުރުމުގެ މިނިވަންކަން ވަރަށް ފުރިހަމައަށް ފޯރުކޮށްދޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.