ENGLISH

04 ޑިސެމްބަރު 2025

Advertisement

މަޖިލިސް މެންބަރުންނަށް މަހުލޫފުގެ ޝުކުރު، ޖަޕާނާއި ރާއްޖޭގެ ގުޅުން ބަދަހިކުރައްވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން

04 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް ކުރީގެ ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގައި ހުރިހާ ޕާޓީއެއްގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވާތީ މެންބަރުންނަށް ޝުކުރު އަދާކުރެއްވުމާއެކު، ޖަޕާނާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ. 

އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި މަހުލޫފު ވިދާޅުވީ ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އޭނާ އައްޔަންކުރެއްވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއްކަމަށެވެ. އަދި އޭނާއަށް އިތުބާރުކުރައްވައި ރާއްޖެއަށް ތަފާތު މަގާމެއްގައި ހުންނަވައިގެން ހިދުމަތްކުރެއްވުމަށް ފުރުސަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް މަހުލޫފުވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް މަހުލޫފު އައްޔަންކުރީ ހުރިހާ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުންގެ އިއްތިފާގުންކަން ފާހަަގަކުރައްވައި، ޕީއެންސީއާއި އެމްޑީޕީއާއި، އެމްޑީއޭއާއި ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނަށް މަހުލޫފު ޝުކުރު އަދާކުރެއްވިއެވެ. 

"ޖަޕާނާއި ރާއްޖޭގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އަޅުގަނޑު ވަރަށް ބުރަކޮށް މަސައްކަތްކުރާނަން. އަދި ރާއްޖޭގެ ތަރައްގީއަށް ހިއްސާކުރުމަށް ލިބެންހުރި ހުރިހާ ފުރުސަތުތަކެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރާނަން،" މަހުލޫފު ވިދާޅުވިއެވެ. 

މި އަހަރަކީ ރާއްޖެއާއި ޖަޕާނުގެ މެދުގައި އޮތް ގުޅުމަށް 58 އަހަރުވާ އަހަރުކަން ފާހަގަކުރައްވަމުން މަހުލޫފު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ޖަޕާނު ދެމިއޮތީ ރާއްޖޭގެ ކުރިއެރުމުގައި މުހިއްމު ގާތް ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ. 

އޭގެ އިތުރަށް ޖަޕާނުގައި ދިރިއުޅޭ ހުރިހާ ދިވެހިންނާއި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންނާއި، ޖަޕާނާ ގުޅުންހުރި ކަންކަމުގައި އެހީތެރިކަން ބޭނުންވާ ދިވެހިންނަށް މަހުލޫފު ދެއްވި ޔަގީންކަމަކީ ކޮންމެ ވަގުތެއްގައިވެސް އޭނާއާ ގުޅައި މުވާސަލާތުކުރެވޭނެ ކަމެވެ. 

މަހުލޫފަކީ 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ  އަހަރާ ދެމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވުމަށްފަހު 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ޒުވާނުންނާ ބެހޭ ވުޒާރާގެ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު