ENGLISH
04 ޑިސެމްބަރު 2025
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އަޅައިފި
04 ޑިސެމްބަރު 2025
|
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން އެ މަގުން ހިއްކި ސަރަހައްދުގައި ތާރު އަޅައި ނިންމައިފި އެވެ.
ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ފުރަތަމަ ސެގްމެންޓުގެ 97 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. މަގުގައި ދެން ކުރަން އޮތީ މަގުގެ މާކިންތައް ކުރެހުމާއި ސައިން ބޯޑުތައް ހަރުކުރުމެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން އެ މަގުގެ 830 މީޓަރުގެ ސަރަހައްދުގައި ތާރު އަޅާނެއެވެ. އޭގެތެރެއިން 737 މީޓަރު ސަރަހައްދުގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރާނެއެވެ.
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ތަރައްގީކުރުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެއެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ޓްރެފިކް ތޮއްޖެހުން އިތުރުވެ، ދަތުރުފަތުރުކުރާ އުޅަނދުތަކަށާއި އާއްމުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެއެވެ. އެހެންނަމަވެސް މަގު ތަރައްގީކުރުމާއެކު، އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މާލޭގެ އެހެން މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.