ENGLISH

04 ޑިސެމްބަރު 2025

Advertisement

ކައުންސިލް އިންތިޚާބު އަންނަ އެޕްރީލް 4 ގައި ބާއްވަން ނިންމައިފި

04 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

ކައުންސިލް އިންތިޚާބު އޮންނަ ތާރީޚް އިލެކްޝަންސްއިން ހާމަކުރީ އެ އިދާރާއިން މީޑިއާއާ ޙިއްޞާކުރި މަޢުލޫމާތުގައެވެ. 

ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރާއިރު، ޖުމްލަ 226 ދާއިރާއަކުން މި އިންތިޚާބުގައި ވާދަކުރާނެއެވެ. 

އެގޮތުން، އެޕްރީލް 4 އެއްވާ ހޮނިހިރު ދުވަހު މި ބާއްވާ އިންތިޚާބުގެ ވޯޓުލުމުގެ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 7،000 އަށްވުރެން ގިނަ އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައިވެއެވެ.

އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާނީ މި މަހުގެ 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.

މީގެ އިތުރުން، މި އިންތިޚާބުގެ އެހެނިހެން މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވަނީ  ޢިއުލާންކޮށްފައެވެ.  މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

މިކަމާ ގުޅިގެން ހުށަހަޅަންޖެހޭ ލިޔުންތައް ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެއެވެ. އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ވެސް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، ރާއްޖޭގެ އާބާދީ ބޮޑެތި ސަރަޙައްދުތަކަށް ބަލައިގެން 12 އަތޮޅެއް ހިމެނޭހެން 36 ރަށަކަށް ކޮމިޝަންގެ ޓީމްތައް ގޮސްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ނޮވެމްބަރު އަދި ޑިސެމްބަރުމަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވެއެވެ.

މި ސެޝަންތަކުގައި ވޯޓުލުމުގެ މުހިންމުކަމާއި، އިންތިޚާބާ ގުޅޭގޮތުން ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދެވިގެންދާނެއެވެ.

ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިޔަށްގެންދާ ސެޝަންތަކުގައި ކޮމިޝަންގެ އިތުރުން މިނިވަން މުއައްސަސާތަކާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ބައިވެރިވާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު