ENGLISH
04 ޑިސެމްބަރު 2025
ޑްރަގު ވިޔަފާރިކުރާ މީހުންނަށް އިހުސާންގެ އިންޒާރު: ތަހުގީގު އަރާ ހަމަކުރުމުން ރަހުމެއް ހަމްދަރުދީއެއް ނޯންނާނެ
04 ޑިސެމްބަރު 2025
|
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ހަމައަށް ފުލުހުންގެ ތަހުގީގު އަރާހަމަވުމުން އެކަކަށް ވެސް އިތުރު ރަހުމެއް ހަމްދަރުދީއެއް، އިސްތިސްނާއެއް ނޯންނާނެ ކަމަށާއި ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު ކަމަށް ވިދާޅުވެ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ހަރުކަށި އިންޒާރެއް ދެއްވައިފި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބޮޑުންތަކެއް އައްޑޫ ސިޓީން ހައްޔަރު ކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ ދިވެހި ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ހިންގަމުންދާ މި ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާރގެޓް ކުރެވިގެންދާނެ ކަމަށެވެ. މިނިސްޓަރ ވަނީ ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތައް އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރު ދެއްވައި ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގުގައި އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯރކެއްގެ އިސްފަރާތްތައް ފުލުހުން ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައި ވަނީ މި އަހަރު މާރޗް މަހުން ފެށިގެން ކަމަށެވެ.
މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ވަނީ ހޯދިފައި ކަމަށާއި އަދި ފާއިތުވި ފަސް އަހަރު މި ނެޓްވޯރކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ މިހާރު ވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެެންގެވުމަކަށް، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަަށް "އަލިމަގު"ގެ ނަމުގައި ފުލުހުން އޮަޕަރޭޝަނެއް ފަށާފައި ވަނީ ނޮވެމްބަރު 1 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގެ ނޮވެމްބަރު 25 ވަނަ ދުވަހާ ހަމައަށް 110 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ޑްރަގުގެ ބޮޑުން ހިމެނެއެވެ. ފުލުހުން ބުނީ ޑްރަގުގެ ވިޔަފާރި މުލުން ލުހެލުމަށް ފުލުހުންގެ ހިދުމަތުން ފެށި މި އޮޕަރޭޝަން ކުރިއަށްގެންދަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ.