ENGLISH

10 އޭޕްރީލު 2025

Advertisement

މެކްޓޮމިނޭގެ ލަނޑުން ނަޕޯލީ އަށް ހަނި މޮޅެއް

02 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ނަޕޯލީ އާއި ޓޮރީނޯ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ސްކޮޓް މެކްޓޮމިނޭ ޖެހި ހަމައެކަނި ލަނޑުން، ރަށުން ބޭރުގައި ޓޮރީނޯ އަތުން 0-1 އިން ނަޕޯލީ މޮޅުވެއްޖެއެވެ.

މި ނަތީޖާއާ އެކު ނަޕޯލީ އެއްވަނައިގައި އޮތީ 14 މެޗުން 32 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް އެޓަލާންޓާ އަށް، އެއްމެޗު މަދުން ކުޅެގެން ލިބިފައިވަނީ 13 މެޗުން 28 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެޓަލާންޓާ އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ފިއޮރެންޓީނާ ހަތަރު ވަނައިގައި އޮތީ އިންޓަ މިލާންއާ އެއްވަރަށް ޕޮއިންޓް ހޯދައި، ޖެހި ގޯލުގެ ތަފާތުންނެވެ.

ޓޮރީނޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 31 ވަނަ މިނެޓުގައި ނަޕޯލީ އަށް ކާމިޔާބުކޮށްދިނީ މެކްޓޮމިނޭ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ޖޯޖިއާ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ ދިން ހިތްގައިމު ޕާހަކުންނެވެ.

ދެވަނަ ހާފުގައި ނަޕޯލީގެ ލީޑްފުޅާކޮށްދޭން ރޮމެލޫ ލުކާކޫ އާއި މަތިއަސް އޮލިވޭރާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މި ދެ ބޯޅަ ވެސް ޓޮރީނޯގެ ގޯލްކީޕަރު، ވަންޔާ މިލިންކޮވިޗް-ސަވިޗް ވަނީ މަތަކޮށްފައެވެ.

މި މެޗުން ބަލިވި ޓޮރީނޯ އަށް 14 މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. އެ ޓީމު ރެލިގޭޝަން ޒޯނަށް ނުވެއްޓި އޮތީ ހަތަރު ޕޮއިންޓުގެ ތަފާތަކުންނެވެ.

ލީގުގައި ރޭ ލެއްޗެއާ ދެކޮޅަށް ރަށުން ބޭރުގައި ޔުވެންޓަސް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ 68 ވަނަ މިނެޓުގައި އަންދްރެއާ ކަމްބިއާސޯގެ ލަނޑުން ޔުވެންޓަސް ލީޑު ނަގާފައިވަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި ލެއްޗެ އަށް އެއްވަރުކޮށްދިނީ އެންޓޭ ރެބިޗް އެވެ.

ކިޔުންތެރިންގެ ހިޔާލު