ENGLISH

04 ޑިސެމްބަރު 2025

Advertisement

ގަމު އިންޖީނުގޭގައި ރޯވުން؛ ގެއްލުންވީ ފަސް އިންޖީނުގެ ތެރެއިން އެއްް އިންޖީނަށް

04 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

އަލިފާން ރޯވި ގަން ފެނަކަ އިމާރާތް ރައްޔިތުންގެ ބައިވެރިވުމާއެކު ހިޔާކުރަނީ. މިހާރު އެރަށަށް ވަނީ ކަރަންޓު ދީފައި. ފޮޓޯ: ލ. ގަން ކައުންސިލް

ލ. ގަމު އިންޖީނުގޭގައި ރޯވެ އިއްޔެ މެންދުރު ފަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވީ އެރަށަށް ކަރަންޓު ދޭން ބޭނުންކުރާ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. 

އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ގަމުން ކަރަންޓު ދިޔައެވެ. އެކަމަކު އެމައްސަލަ ޙައްލުކޮށް ރޭ 11:30 ހާއިރު ވަނީ އަލުން ކަރަންޓުދީފައެވެ. އަދި، ފެނުގެ ޚިދުމަތް ދިނުމަށްފަހު ނަރުދަމާ ނިޒާމުގެ މަސައްކަތަށް ޚާއްޞަ ޓީމުތައް އެކުލަވާލައި، އެ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ރޭ ފެނަކައިން ވަނީ ބަލައިފައެވެ. 

ފެނަކައިން ރޭ ނެރުނު ބަޔާނުގައި ބުނީ އަލިފާން ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށެވެ. އަދި، އެނެކްސް ދެއަކަށް އަލިފާނުގެ އަސަރުކޮށްފައިނުވާކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ. 

އެކުންފުނިން ހެދި "ވިޝުއަލް އިންސްޕެކްޝަން" އިން ފާހަގަވި ގޮތުގައި، ގެއްލުންވީ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. ފެނަކައިން މިހާރު އަންނަނީ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލައި މައްސަލަތައް ޙައްލުކުރަމުންނެވެ. 

ގަމަށް ކަރަންޓު ދިނީ، އެ އިމާރާތް ވަގުތީގޮތުން ހިޔާކުރުމަށް ފަހު އެވެ. އެމަސައްކަތްކުރީ ގަމު ކައުންސިލާއި އެރަށުގެ މުއައްސަސާތައް އަދި ރައްޔިތުން ގުޅިގެންނެވެ. 

ފެނަކައާއި ގަމު ކައުންސިލުން ވަނީ އިންޖީނުގެ އަލުން ހިޔާކޮށް ކަރަންޓު ދިނުމަށް މުއައްސަސާތަކާއި އެރަށުގެ ރައްޔިތުން ކުރި މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު