ENGLISH
04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ: ވަޒީރު
04 ޑިސެމްބަރު 2025
|
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ކުރިއަށްގެންދާ ލޯކަލް ޕޮލިސިންގ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ، ވަރަށް ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށާއި، އެ މަގުސަދަށް މަސައްކަތް ނުކުރާނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށެވެ.
ދިވެހި ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޒަމާންވީ މުއައްސަސާއެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ޒަމާނީ ބަދަލުތައް އަންނަން ފެށިތާވެސް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެއްޖެ ކަމަށެވެ. އެހެންނަމަވެސް އެ ބަދަލުތަކަށް ވުރެ އަވަހަށް ރާއްޖޭގެ ޤާނޫނުތަކަށާއި ރައްޔިތުންގެ އުންމީދުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކްރައިމް އެންވަޔަރަމަންޓަށް އައިސްފައި އޮތް ބަދަލުތައްވެސް ވަރަށް ތަފާތު. މިހާރުގެ ޤާނޫނު ބުނާ ގޮތުން ކޮންމެ ސަރުކާރެއްގައި ވެސް ސްޓްރެޓެޖީކް ޕޮލިސިންގ ރިކުއަރމެންޓެއް އޮންނާނެ. އެ ޕޮލިސިންގ ރިކުއަރމެންޓާއި އެއްވަރަށް ފުލުހުންނަށް މަސައްކަތް ކުރަމުން ދެވޭތޯ ނުވަތަ ނުކުރެވޭތޯ އަޅުގަނޑުމެން މިބެލީ. ބެލިއިރުގަ ފުލުހުންގެ މަސައްކަތެއް ސަރުކާރުން އަދި ފުލުހުން ގަބޫލުކުރާ ފެންވަރަށް އަދި ކުރިއަށް ނުގެންދެވޭ،" ވަޒީރު އިހުސާން ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މަސައްކަތް ކުރާނީ ހުރިހާ އެންމެ ޝާމިލްވުން ހިމެނޭހެން ކަމަށާއި މި ބައްދަލުވުންތަކުގައި މަޝްވަރާކުރާނީ އަސާސީގޮތުން ރަނގަޅު ކުރަން ހުރި ކަންކަމަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފުލުހުންގެ މުއައްސަސާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތަހުގީގުތައް އަވަސްވާންޖެހޭނެ. މަގުމަތީގައި ފުލުހުންގެ ޕްރެސެންސް ގިނަވާންޖެހޭނެ. ފުލުހުންގެ އެންގޭޓްމަންޓް މިހާރަށް ވުރެ ގިނަވާން ޖެހޭނެ. ޖަވާބުދާރީވުންތައް މިހާރަށް ވުރެ ރަނގަޅުވާން ޖެހޭނެ. މަގުމަތިން މިފެންނަ ކްރައިމްތައް މަދުކަމުގެ އިހުސާސް ރައްޔިތުންނަށް ވާންޖެހޭނެ. އިދާރީ ބައިތައް މަދުވާން ޖެހޭނެ. މިއީ އަޅުގަނޑުމެންނަށް ފެންނާނެ ކަންކަމަކީ މުސްތަގުބަލުގައި،" ވަޒީރު ވިދާޅުވިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ދިޔަ ލޯކަލް ޕޮލިސިންގ ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެއެވެ.