ENGLISH

04 ޑިސެމްބަރު 2025

Advertisement

މޫސާ ލަތީފުގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ "ދޮންކޮ" ނެރެފި

03 ޑިސެމްބަރު 2025

|

ހަސަން އާމިރު

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާރ ޑރ. ޒާހިރު ހުސައިން، (މ) މޫސަގެ ކުޑަކުދިންގެ ވާހަކަ ފޮތް މިއަދު ނެރެދެއްވަނީ. --ފޮޓޯ: މިހާރު

ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ނޫސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު މިދިޔަ އަހަރު ހޯއްދަވާފައިވާ މޫސާ ލަތީފު ލިޔުއްވާފައިވާ ކުޑަކުދިންގެ ވާހަކަ ސިލްސިލާ "ދޮންކޮ" މިއަދު ނެރެފި އެވެ.

ސިޓްރޮން ރެސްޓޯރެންޓުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ސިލްސިލާ ފޮތްބައި ނެރެދެއްވީ ނޫސްވެރިކަމުގެ ދާއިރާ އަށް މޫސަ ނެރެދެއްވި ހަވީރު ނޫހުގެ ބާނީ އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުޙައްމަދު ޒާހިރު ހުސައިން އެވެ.

ތަޖުރިބާކާރު ލިޔުންތެރިޔާ މޫސަގެ އަމިއްލަ ސިލްސިލާ ފޮތްބައި، "ދޮންކޮ" ގެ ކެރެކްޓަރގެ ފަސް ފޮތެއް ހިމެނެ އެވެ. އެއީ "ދޮންކޮ އާއި އެދުރުބެ"، "ކެތީގެ ބޮޑު ތޫފާން"، "ކަމަނަގެ ކަޅު ލައް"، ކަނޑު ވިގަނި"، އަދި "އިއައްކަ" އެވެ.

މޫސައާ އެކު ނޫސްވެރިކަމުގައި ގިނަ އަހަރުތަކެއް ވަންދެން ހޭދަކުރި ނޫސްވެރިންނާ އަދި ރާއްޖޭގެ ބައެއް މަޝްހޫރު ނޫސްވެރިންނާއި ލިޔުންތެރިން ބައިވެރިވި ހަފުލާގައި މޫސަ ވިދާޅުވީ މިއީ 11 އަހަރު ކުރިން ލިޔުއްވާފައިވާ ވާހަކަތަކެއް ކަމަށާއި މިއަދު މި ނެރުނީ މި މަސައްކަތުގެ ފެށުން ކަމަށެވެ. އަދި މިއީ ނެތެމުންދާ ދިވެހި ބަސް ދިރުވައި، ކުޑަކުދިންނަށް އެ ބަހުން ކިޔާނެ ފޮތްތަކެއް ލިޔަން ކުރެއްވި މަސައްކަތެއް ކަމަށެވެ.

މޫސަ ވިދާޅުވީ "ދޮންކޮ" ގެ ކެރެކްޓަރ އިތުރަށް ފުޅާކޮށް އެކި އުމުރުފުރާތަކާ ގުޅޭ ގޮތުން އިތުރު ފޮތްތައް މުސްތަގްބަލުގައި ނެރުއްވާނެ ކަމަށެވެ. 

މޫސަގެ ކުޑަކުދިންގެ ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ ފޮތެއް 65ރ. އަށެވެ. ފަސް ފޮތް އެއްކޮށް ގަންނަ ނަމަ ޚާއްސަ އަގެއްގައި 315ރ. އަށް ލިބޭނެ އެވެ.

ފޮތް ގަންނަން ބޭނުންވާ މީހުން 7335353 އަށް ވައިބާ ކުރުމުން ފޮތް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ އެވެ.

މޫސަ ވަނީ "ހަވީރު" ނޫހާއި "މިހާރު" ގެ އެޑިޓަރުކަން ކުރައްވައިފަ އެވެ. އަދި މޫސައަކީ މިވަގުތު "ދައުރު" ނޫހުގެ އެޑިޓަރެވެ.

މޫސަގެ ނޫސްވެރިކަމުގެ ހަޔާތް ފެށިފައި ވަނީ 1987 ގައި ހަވީރު ނޫހަށް ޕާޓްޓައިމްކޮށް ލިޔުއްވަން ފެއްޓެވި ހިސާބުންނެވެ. ނޫސްވެރިއެއްގެ ގޮތުން ހަވީރުގައި ފުލްޓައިމްކޮށް ލިޔުއްވަން ފައްޓަވާފައި ވަނީ 1989 ގަ އެވެ. ނޫސްވެރިކަމުގެ ހުރިހާ ދާއިރާއެއްގެ ލިޔުންތައް ލިޔުއްވުމުގެ އިތުރުން މޫސައަކީ ކުޅަދާނަ ވާހަކަ ލިޔުންތެރިއެއް ވެސް މެ އެވެ. މޫސަ ލިޔުއްވި ވާހަކަތަކުގެ ތެރޭގައި "އަނދިރިފަރާތް"، އަނިޔާ، "އެކަނި" އަދި "ހިމޭން ދުނިޔެ" ފަދަ ވާހަކަތައް ހިމެނެ އެވެ. އޭގެ ތެރޭގައި "ހިމޭން ދުނިޔެ" ވަނީ މޫސަ ޕްރޮޑިއުސްކުރައްވައި ފިލްމެއް ވެސް އުފައްދަވައިފަ އެވެ. މޫސަ ލިޔުއްވި ފޮތްތަކުގެ ތެރޭން އެންމެ ބޮޑަށް ފާހަގަވީ 7 ފެބްރުއަރީ 2012ގެ ހާދިސާއާ ގުޅޭ ގޮތުން ލިޔުއްވި "ފެބްރުއަރީ ހަތެއް" ފޮތެވެ.

މޫސަގެ ނޫސްވެރިކަމުގެ ބައެއް ކާމިޔާބީތައް:

1990 - ދިވެހި ނޫސްވެރިކަމުގެ ރިހި ގަލަން.

2001 - ނޫސްވެރިކަމުގެ ރޮނގުން އާއްމު ޚިދުމަތުގެ ގައުމީ އިނާމް.

2018 - ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ދިން އަލިމަސް ގަލަން.

2024 - ނޫސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމް.

2024 - އެމްއެމްސީން ދޭ ނޫސްވެރިކަމުގެ ހަޔާތީ އަރުތަ އެވޯޑް.

ކިޔުންތެރިންގެ ހިޔާލު