ENGLISH
05 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ވަކިކުރަން މަޖިލީހުން ފާސްކޮށްފި
03 ޑިސެމްބަރު 2025
|
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ދޫކޮށްލިކަމުގެ ތުހުމަތުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ގާޒީ ހުސެން ފާއިޒު މަގާމުން ވަކިކުރުމަށް ނިންމައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ ވެސް މީހެއްގެ ބަންދާ މެދު ގޮތް ކަނޑައެޅުމުގައި ގާނޫނުއަސާސީ އާއި ގާނޫނާ ޚިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެ އެވެ. އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ކޮމިޓީން އިއްޔެ ވަނީ އޭނާ ގާޒީކަމުން ވަކިކުރަން ނިންމާފައި ވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ނިންމައިފަ އެވެ. މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުން ގާޒީ ފާއިޒު ވަކިކުރަން ފެންނަ ކަމަށް ނިންމީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެެއްވީ އަށް މެންބަރުންނެވެ.
ގާޒީ ފާއިޒު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަމަލު ކޮށްފައިވާކަން ސާބިތުވުމުން މިދިޔަ މަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޑުކޮށްފައެވެ.