ENGLISH

03 ޑިސެމްބަރު 2025

Advertisement

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސް ތަސްދީޤުކުރައްވައިފި

03 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު ރައީސް ތަސްދީޤުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެެވެ. 

މި ބިލަކީ، 19 ނޮވެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

އެގާރަ ބާބު އެކުލެވޭ މި ބިލުގައި، ދިވެހިރާއްޖޭގައި ރައްކާތެރިކަމާއެކު ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކައި، ޖަނަވާރު ގެންގުޅުމުގައާއި ބެލެހެއްޓުމުގައާއި ޖަނަވާރުގެ ޞިއްޙަތާގުޅޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި ޖަނަވާރުގެ ޛަރީއާއިން އިންސާނުނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި ގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި ދިވެހިރާއްޖެއިން ބޭރަށް ޖަނަވާރު ގެންދިޔުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. 

މި ޤާނޫނު އެ މައްޗަށް ހިނގާ ޖަނަވާރުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، މި ޤާނޫނު ތަންފީޛުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު ޙަވާލުވެގެންވާ ފަރާތަކީ، ޖަނަވާރުގެ ޞިއްޙަތާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު، އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއެވެ. މިގޮތުން މި ޤާނޫނު ތަންފީޛުކުރުމުގެ ގޮތުން މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި، ކައުންސިލްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތަފްޞީލީ ގޮތެއްގައި، މި ބިލުގައި ބަޔާންކުރައްވާފައިވެއެވެ.

މި ބިލުގައި، މިޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކުށްތަކާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރައްވާފައިވެއެވެ. އަދި އެޅޭ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ހިނދެއްގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކުރައްވާފައިވެއެވެ.

ބިލު ތަސްދީޤުކުރެއްވުމާއެކު މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު