ENGLISH
03 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށާއި ވިޔަފާރިކުރާ މީހުންނަށް މަރުގެ އަބަދު ދެވޭ ގޮތަށް ފާސްކޮށްފި
03 ޑިސެމްބަރު 2025
|
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވެއްޖެ ނަމަ އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން އެ އަދަބު ކަނޑައަޅަން އިއްތިފާގުވުމުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި ގާނޫނުގެ ދަށުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެއްޖެ ނަމަ ޕެރޯލްގެ ދަށުން ދޫނުކުރެވޭނެ އެވެ. އަދި އަދަބު ލުއިކޮށް މައާފު ވެސް ނުދެވޭނެ އެވެ. މީގެ އިތުރުން މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައިގެން ނުވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހަަކަށް އެ އަދަބު ކަނޑައެޅޭނެ ތިން ހާލަތެއްގައެވެ. އެއީ 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުމާއި އެތެރެކޮށްފައިވަނީ 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމުގައިވުމާއި ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން ކަމަށް ބިލްގައިވެއެވެ. އަދި އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.
ބިލުގައިވާ ގޮތުން މިފަދަ މައްސަލައެއްގައި އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ވާނެ އެވެ.
ސަރުކާރުގެ ފަރާތުން ގަމުދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހަޅުއްވާފައިވާ ގާނޫނު ނަމްބަރު 17/2011 މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން މިއަދު ފާސްކޮށްފައި 65 މެންބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.