ENGLISH
03 ޑިސެމްބަރު 2025
ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް މަޙްލޫފް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
03 ޑިސެމްބަރު 2025
|
މަޖިލީހުގެ ޚާރިޖީ ކޮމިޓީގައި މަޙްލޫފް ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް
ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް އަޙްމަދު މަޙްލޫފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޙްލޫފް އެ މަޤާމަށް އައްޔަންކުރަން ފާސްކުރީ 60 މެންބަރުންގެ އިންތިފާގުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަޙްލޫފް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޙްލޫފްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނޮވެމްބަރު 26 ވަނަ ދުވަހު އެވެ. އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ކޮމިޓީން ވަނީ ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅައިފައެވެ. ރުހުންދޭން ނިންމީ މިއަދުގެ ޖަލްސާގައި އެ ރިޕޯޓް ފާސްކުރުމަށްފަހުއެވެ.
ޖަޕާނުގެ ސަފީރުކަމުގެ މަޤާމް ހުސްވީ އެ މަޤާމުގައި ހުންނެވި، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު މި އަހަރުގެ ޖުލައި 28 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
ވެރިކަންކުރާ ޕީއެންސީއާ މަޙްލޫފް ގުޅިވަޑައިގަތީ ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ އޮތް ޕީއެންސީގެ ބޮޑު ޖަލްސާގައެވެ. މިދިޔަ އެމްޑީޕީ ވެރިކަމުގައި މަޙްލޫފަކީ ޔޫތު މިނިސްޓަރެވެ. މަޙްލޫފް އެމްޑީޕީން ވަކިވެވަޑައިގަތީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
މިނިސްޓަރުކަމުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މަޙްލޫފް އިންތިޚާބުވެވަޑައިގަތެވެ.