ENGLISH

05 ޑިސެމްބަރު 2025

Advertisement

ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް މި ސަރުކާރުން ވަނީ ވަޒީފާގެ ފުރުޞަތު ދީފައި: ވަޒީރު

03 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެމް.ފީ.އެލްގެ ފަހި ޕްރޮގްރާމް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުން--ފޮޓޯ: މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް

އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް މިސަރުކާރުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖުގައެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހަކީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށް، އެމީހުން ބާރުވެރިކުރުމުގައި މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިއްމާއާއި ހިއްސާ އޮންނާނެ ކަމާމެދު މީހުން  އަހުލުވެރިކުރުމެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި، ވަޒީރު ވިދާޅުވީ  އިޖުތިމާއީ ރައްކާތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގިންތިކަމަށެވެ. އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، ބާރުވެރިކުރުމަކީ އޯގާތެރި މުޖުތަމަޢެއް ޤާއިމްކޮށް، ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމުގެ އެއް އަސާސްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ މިސަރުކާރުގެ ވަރަށް މުހިންމު އެއް އަމާޒުކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ފާއިތުވި 2 އަހަރު މިކަމުގައި ހިއްސާވާ އެންމެހާ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރެވުނުކަމަށާއި، މިކަމުން ދަސްވި އެންމެ ބޮޑު އެއް ފިލާވަޅަކީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ފޮނިވެފަ ކާމިޔާބުވާނެކަން ކަމަށް ވަޒީރުގެ މެސެޖުގައި ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމުގެ ފަސްމަގަށް ބަލައި 3 ކަމެއް ވަޒީރު ވަނީ ފަހާގަކުރައްވާފަ އެވެ. އެއީ ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ އަދި ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއްގެ ޤާއިމްވެފައި އޮތުމުގެ މުހިއްމުކަމާއި، ސްކޫލް މަރުހަލާ ނިންމާ، ޤާބިލް މީހުންނަށް، އާމްދަނީ ހޯދޭނެ ހަރުދަނާ ނިޒާމެއްގެ ބޭނުންތެރިކަމާއި، އެފަދަ މީހުންނަށް ދިރިއުޅުމަށް ތަފާތު ހުނަރުތައް ލިއްބައިދިނުމުގެ މުހިއްމު ކަމެވެ. 

ސިޔާސަތު ތަންފީޒު ކުރުމުގައި ގުޅުން ހުރި މުހިއްމު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅު ވަޒީރުވަނީ ފާހަގަކުރައްވާފަ އެވެ. ޚާއްޞަކޮށް އެމީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިދައުރުގައި މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިއީ ވަރަށް މުހިންމު އެހާމެ ބޭނުންތެރި ނިންމެވުމެއްކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލުމާއި އޯގާތެރިކަން ލިބި، މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި އެފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު މިންވަރު ފަހިކޮށް ދެއްވާ، އަދި އެފަރާތްތައް ބާރުވެރިކުރުމުގައި އެންމެން ގުޅިގެން ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާކުރައްވަމުންނެވެ. 

މިއަހަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ޝިއާރަކީ "އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ޝާމިލް މުޖްތަމަޢެއް ބިނާކުރުން" މި އެވެ. މި ޝިއާރުން ހާސިލް ކުރަން ބޭނުންވާ އެންމެ މުހިއްމު ކަމަކީ، މުޖްތަމަޢުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު