ENGLISH
04 ޑިސެމްބަރު 2025
މުލީ ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށް
03 ޑިސެމްބަރު 2025
|
މުލީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ތަރައްޤީކުރާ 50 އެނދުގެ އައު އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ފައުންޑޭޝަން އެޅުމަށް ބިންގަނޑު ކޮނެ، އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.
މުލީ ހިއްކި ބިމުގައި ތަރައްޤީކުރާ ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، މިއަހަރުގެ މޭ މަހު އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.
މުލީ ހޮސްޕިޓަލްގެ 50 އެނދުގެ އާ އިމާރާތަކީ ހަތަރު ފަންގިފިލާއަށް ތަރައްޤީކުރާ އިމާރާތެކެވެ. މި އިމާރާތާއެކު ހޮސްޕިޓަލްގައި އިތުރު ގިނަ ޚިދުމަތްތަކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކަށްވަނީ، އަމިއްލަ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މި ހޮސްޕިޓަލްގެ އާ އިމާރާތުގައި ކޮންސަލްޓޭޝަން ރޫމް، އޮޕަރޭޝަން ތިއޭޓަރ، އީ.އާރް، އެން.އައި.ސީ.ޔޫ، ކުޑަކުދިންގެ ވޯޑް، ޑެންޓަލް، ފިޒިއޮތެރަޕީ، ރޭޑިއޮލޮޖީގެ އިތުރުން ވެސް ގިނަ ޚިދުމަތްތަކެއް ހިމެނެ އެވެ. މީގެއިތުރުން ޕްރައިވެޓް ރޫމްތަކާއި، މީޓިން ރޫމް އަދި ކުޑަކުދިން ކުޅޭ އޭރިއާއެއް ވެސް ހިމެނެ އެވެ.
މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 780 ދުވަސްތެރޭގައި ނިންމާގޮތަށް، 171 މިލިއަން ރުފިޔާއަށެވެ.