ENGLISH
03 ޑިސެމްބަރު 2025
ދިވެހި ސަރުކާރުން ލަންކާއަށް ދޭން ނިންމި 50،000 ޑޮލަރު ޙަވާލުކޮށްފި
03 ޑިސެމްބަރު 2025
|
ދިވެހި ސަރުކާރުން ލަންކާއަށް ދޭން ނިންމި 50،000 ޑޮލަރުގެ ލިޔުން ޙަވާލުކުރަނީ. ރަސްމިއްޔާތު އޮތީ ލަންކާގެ ފޮރިން މިނިސްޓްރީގައި. ފޮޓޯ: ފޮރިން މިނިސްޓްރީ / ސްރީ ލަންކާ
ސްރީ ލަންކާއަށް އެރި ނުރައްކާތެރި "ދީތުވާ" ތޫފާނުގެ ސަބަބުން އެޤައުމަށް ކުރިމަތިވި ގޮންޖެހުމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ލަންކާއަށް ދޭން އިޢުލާނުކުރި 50،000 ޑޮލަރުގެ އެހީ އިއްޔެ އެޤައުމާ ޙަވާލުކޮށްފިއެވެ.
ލަންކާއަށް ކުރިމަތިވި އުނދަގޫ ޙާލަތާ ގުޅިގެން، ދިވެހި ސަރުކާރުން އެޤައުމަށް އެހީ ފޯރުކޮށްދޭނެކަން އިޢުލާނުކުރީ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދުވަހު އާއްމުކުރި ބަޔާނުގައި ބުނީ ލަންކާއަށް އެހީވާން ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ދޭން ނިންމާފައިވާ ކަމަށެވެ.
އެހީގެ ގޮތުގައި ލަންކާއަށް 50،000 ޑޮލަރު ޙަވާލުކުރިއިރު، 25،000 ކޭސް މަސްދަޅު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އިއްޔެ ލަންކާގެ ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެ ފައިސާގެ ލިޔުން ޙަވާލުކޮށްދެއްވީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްޢޫދު ޢިމާދުއެވެ. ފައިސާގެ ލިޔުމާ ލަންކާއިން ޙަވާލުވެވަޑައިގަތީ އެޤައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާއެވެ.
ފައިސާއާ ޙަވާލުވެވަޑައިގަތުމަށް ފަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލަންކާގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖޭން ދިން އެހީތެރިކަން ފާހަގަކޮށް، އެހީތެރިކަމުން ދައްކުވައިދެނީ ދެ ޤައުމުގެ މެދުގައި އޮތް ވަރުގަދަ އެކުވެރި ގުޅުންކަން ފާހަގަކުރައްވާފައެވެ.
ދިވެހި ސަރުކާރުން ލަންކާއަށް ވެދިން އެހީތެރިކަމުގެ އިތުރުން، ސަރުކާރާއި މީޑިއާތައް ގުޅިގެން "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނުގައި 12.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެލެތޯނަށް ބޮޑު ތަރުޙީބެއް ލިބުނުއިރު، ވިޔަފާރިވެރިންނާއި، އޮފީސްތަކާއި، ޖަމިއްޔާތަކާއި އެކި ފަންތީގެ އަމިއްލަ ފަރުދުން ވަނީ ފައިސާގެ އެހީ ފޯރުކޮށްދީފައެވެ.
ލަންކާގައި ދިރިއުޅޭ ދިވެހީން ވެސް އަންނަނީ ލަންކާ ރައްޔިތުންނަށް އެހީވާން ޑޮނޭޝަން ޕްރޮގްރާމެއް ހިންގަމުންނެވެ. އެގޮތުން ލަންކާގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. ލަންކާގެ ސޯސަންވިލާގައި ކުރިއަށްގެންދާ އެ ހަރަކާތުގައި ދިވެހީންގެ ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ. އަދި، ތަކެތީގެ ގޮތުގައި މިހާތަނަށް ގިނަ އަދަދެއްގެ އަންނައުނު ލިބިފައިވެއެވެ.
ޑޮނޭޝަން ޕްރޮގްރާމްގެ ހަރަކާތް މިރޭ ލަންކާ ގަޑިން 8 ޖަހަންދެން ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
ތޫފާން "ދީތުވާ" ގައި ލަންކާގެ 22 އަވަށަކަށް އަސަރުކޮށްފައިވާކަން އެޤައުމުން ވަނީ އިޢުލާނުކޮށްފައެވެ. ސުނާމީއަށް ފަހު އެޤައުމަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ހާދިސާގައި މިހާތަނަށް 465 މީހަކު މަރުވެފައިވާކަން އެޤައުމުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައިވާއިރު 366 މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.