ENGLISH

02 ޑިސެމްބަރު 2025

Advertisement

ލަންކާގައި ދިރިއުޅޭ ދިވެހީން ޚާއްސަ ހަރަކާތެއް ހިންގައި، ހާލުގައި ޖެހުނު ލަންކާ ރައްޔިތުންނަށް އެހީވަނީ

02 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ލަންކާގައި ދިރިއުޅޭ ދިވެހީން ހިންގާ ހާއްސަ ހަކަރާތުގެ ތެރެއިން. ހާލުގައި ޖެހުނު މީހުންނަށް އަންނަނީ އެހީވަމުން

ސްރީ ލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާގައި އެޤައުމުގައި ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިވާން ލަންކާގައި ދިރިއުޅޭ ދިވެހީން ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ. 

"ސިލޯނާއެކު ދިވެހީން" ނަމުގައި ސްރީ ލަންކާގެ ސޯސަންވިލާގައި ފެށީ ޑޮނޭޝަން ޕްރޮގްރާމެކެވެ. އެގޮތުން ލަންކާގައި އުޅޭ ދިވެހީން އިސްނަގައިގެން ފެށި ޕްރޮގްރާމްގެ ދަށުން ޑޮނޭޝަންއަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ޑޮނޭޝަން ދޭން ބޭނުންވާ ފަރާތްތަކުން މިރޭ ލަންކާ ގަޑިން 8 ޖެހުމުގެ ކުރިން ސޯސަން ވިލާއަށް ދިއުމަށް ވަނީ އެދިފައެވެ. 

ލަންކާގައި ތިބި ދިވެހި ރައްޔިތުން ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޑޮނޭޝަންގެ ގޮތުގައި ގިނަ އަދަދެއްގެ ތަކެތި ވަނީ ލިބިފައެވެ. އެގޮތުން، ލަންކާ ރައްޔިތުންނަށް ހަދިޔާކުރަން ގިނަ އަދަދެއްގެ އަންނައުނު ދިވެހީން ވަނީ ހަދިޔާކޮށްފައެވެ. އެމަސައްކަތުގައި ހަރަކާތްތެރިވާ ގްރޫޕުން ބުނީ، އެހީގެ ގޮތުގައި ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ވޮލަންޓިއަރުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. 

ސިލޯނާއެކު ދިވެހީންގެ ނަމުގައި ލަންކާގައި ހަރަކާތެއް ކުރިއަށްގެންދާއިރު، ރާއްޖޭގައި ކުރިއަށް ގެންދިޔަ ޓެލެތޯނުން 12 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ދިވެހީން ވަނީ ލަންކާއަށް ހަދިޔާކޮށްފައެވެ.

ލަންކާގެ ރައްޔިތުންނަށް އެހީވާން ހުޅުވާލި ފުރުޞަތުގައި ރާއްޖޭގެ ހުރިހާ ފަންތިއެއްގެ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ލަންކާއަށް އެހީ ފޯރުކޮށްދިނުމުގެ އެކި ހަރަކާތްތައް އަދިވެސް އަންނަނީ ހިންގަމުންނެވެ. 

ލަންކާއަށް އެރި "ދީތުވާ" ތޫފާނަކީ ސުނާމީއަށް ފަހު އެޤައުމަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިސާއެވެ. މޫސުމީ އެ ކާރިސާގެ ސަބަބުން އެޤައުމުގެ އިޤްތިޞާދު ފުނޑުފުނޑުވެ އެތައް ލައްކަ ރައްޔިތުންނެއްގެ ދިރިއުޅުން ވަނީ އަލުން އާރާސްތު ކުރަން ޖެހިފައެވެ. 

ލަންކާއިން މިއަދު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ، ތޫފާނުގެ ސަބަބުން މިހާތަނަށް 410 މީހުން މަރުވެ 336 މީހުން ގެއްލިފައިވާ ކަމަށެވެ. އަދި، 1.4 މިލިއަން މީހުންނަށް އަސަރުކޮށްފައިވާކަމަށް އެޤައުމުން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު