ENGLISH

02 ޑިސެމްބަރު 2025

Advertisement

ރައީސް، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

02 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މިއަދު މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު "ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމް.ޑީ.ބީ.) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެން، ދެމެހެއްޓެނިވި ތަރައްޤީއަށާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަލުވިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ޑެޓް-ފޮރ-ކްލައިމެޓް" އަދި "ޑެޓް-ފޮރ-ނޭޗަރ" މަޝްރޫޢު ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ މަރުކަޒުތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުށަހަޅުއްވާފައެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި މަތީ ފެންވަރުގެ ބައިވެރިންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތަށް، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީއަށް ރާއްޖެއިން ކުރާ ވަކާލާތު އިތުރަށް ވަރުގަދަކުރުމަށް ވަރަށް މުހިންމު ފުރުސަތެއް ވަނީ ލިބިގެންގޮސްފައެވެ. 

ކިޔުންތެރިންގެ ހިޔާލު