ENGLISH

02 ޑިސެމްބަރު 2025

Advertisement

ރާއްޖެއިން ބަންޑުންކޮށްލި އަވަށްޓެރިކަމުގެ ލޯބިން ލަންކާ ރައްޔިތުންގެ ހިތް ފުރިއްޖެ

02 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ލަންކާއަށް ކުރިމަތިވި ތޫފާނުގެ މަންޒަރެއް: ދިވެހިން ދައްކުވައިދިން ނަމޫނާއަށް ލަންކާ ރައްޔިތުންގެ ޝުކުރު ވަނީ ބަންޑުންކޮށްލާފައި.

ސްރީ ލަންކާއަށް އެރި ތޫފާން "ދީތުވާ" އަކީ ސުނާމީއަށް ފަހު އެޤައުމުން ތަޖުރިބާކުރި އެންމެ ހިތްދަތި ގުދުރަތީ ކާރިސާއެވެ. ނުރައްކާތެރި ތޫފާނުގެ ސަބަބުން އެޤައުމުގެ އިޤްތިޞާދަށް ލިބިގެންދިޔަ ބޮޑު ގެއްލުމާއެކު، ބައިނަލްއަޤްވާމީ އެހީއަށް އެޤައުމުން އެދުނެވެ. 

އެ އެދުމާއެކު އެޤައުމަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ޤައުމަކީ އަބަދުވެސް ލަންކާއާ އަވައްޓެރި، އަދި ގާތްގުޅުމެއް ބާއްވާ އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއެވެ. 

އެންމެ ނާޒުކު ދަނޑިވަޅުގައި ލަންކާއަށް އެހީވާނެކަން ފުރަތަމަ އިޢުލާނުކުރި ޤައުމަކީ ދިވެހިރާއްޖެއެވެ. އެގޮތުން ދިވެހި ސަރުކާރުން އެޤައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 ޑޮލަރު އަދި 25،000 ކޭސް މަސްދަޅު ހަދިޔާކުރާނެކަން ނޮވެމްބަރު 29 ވަނަ ދުވަހު އިޢުލާނުކުރިއެވެ. އަދި، ޖެހިގެން އައި ދުވަހު ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ އިސްނެގުމާއެކު "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ޚާއްޞަ ޓެލެތޯނެއް ފެށިއެވެ. 

ދިވެހީން ސިލޯނާއެކު ތިބިކަން އެ ޓެލެތޯނުން ވަނީ ވަރަށް ރަނގަޅަށް ދައްކުވައިދީފައެވެ. ގާތްގަނޑަކަށް 29 ގަޑިއިރަށް ދެމިގެންދިޔަ ޓެލެތޯން ވެގެންދިޔައީ ދިވެހީން ލަންކާއަށް އޮތް ލޯބި ދައްކުވައިދިން ހަރަކާތަކަށެވެ. ހަމައެކަނި ފައިސާގެ އެހީގެ އިތުރުން، މީސްމީޑިއާގައި ދިވެހީން ބަންޑުންކޮށްލީ ލަންކާ ރައްޔިތުންނާއެކު ތިބި ކަމެވެ. އަދި، ލަންކާގެ ސަލާމަތަށް ދިވެހީން އަބަދުވެސް ތައްޔާރަށް އޮންނާނޭކަން ވަރަށް ރަނގަޅަށް އެޤައުމުގެ ރައްޔިތުންނަށް ސިފަކޮށްދިނެވެ.  

ޓެލެތޯނަށް ލިބުނު ބޮޑު ތަރުޙީބު ވެގެންދިޔައީ ރާއްޖެއިން ބަންޑުންކޮށްލި ލޯބިން ލަންކާ ރައްޔިތުން ހިތް ފުރިގެންދިޔަ ކަމަކަށެވެ.

ޓެލެތޯނުގައި ދިވެހީން ސިލޯނާއެކު ތިބިކަން ދައްކުވައިދިނީ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަމަކޮށްގެންނެވެ. އެއީ ލަންކާ ރައްޔިތުން ހީވެސްނުކޮށް ތިއްބާ އަވައްޓެރި ޤައުމަކުން ދިން އަގުބޮޑު ހަދިޔާއެކެވެ. އެއީ ލަންކާ ރުޕީސްއިން ބަލާނަމަ ގާތްގަނޑަކަށް 247 މިލިއަނެވެ. ޓެލެތޯން ނިމުނަސް އިތުރު އެހީއާއެކު އެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ.

"އެންމެ އުނދަގޫ ދަނޑިވަޅުގައި ރާއްޖެއިން ލަންކާއަށް ވެދިން އެހީތެރިކަން އެޤައުމުގެ ރައްޔިތުން ވަނީ ވަރަށް އުފަލާއެކު ބަލައިގެންފަ. އެތައް ހާސް ދިވެހީންނެއް. އާއްމު ރައްޔިތުންނާ ހަމައިން ފަށައިގެން ސަރުކާރުގެ އިދާރާތައް، ކުންފުނިތައް، ކްލަބްތައް، އަދި މީޑިއާތައް އެކުވެގެން އެއައީ އަވައްޓެރި ޤައުމަކަށް އެހީވާން. މި އުނދަގޫ ވަގުތުގައި ލަންކާއާއެކު ތިބީތީ ހިތުގެ އަޑިން ޝުކުރުއަދާކުރަން" - ލަންކާގެ ނޫސްވެރިޔާ އައްޒާމް އަމީން މީސްމީޑިއާގައި ހާމަކުރި ޝުޢޫރު

ލަންކާގެ އެހެން ރައްޔިތަކު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ދިވެހީން ކަމަކަށް ބޭނުންވާ ދުވަހަކު ޙައްޤު މިންވަރު ލަންކާ ރައްޔިތުން ދޭނެ ކަމަށެވެ. 

"އަހަރެމެންނަށް އެހީތެރިވާން ދިވެހިން އެދަނީ އެއް ދުވަހު މުސާރަ ހަދިޔާކުރަމުން،" ފޭސްބުކްގައި އާއްމުކުރި ލިޔުމުގައި ލަންކާ މީހާ ބުނެފައިވެއެވެ. 

ފައިސާގެ ދީލަތި އެހީގެ އިތުރުން އެންމެ ބޭނުންވި ދަނޑިވަޅުގައި ރާއްޖެއިން ލަންކާއަށް ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖެއްސިކަން ލަންކާ ރައްޔިތުން ފާހަގަކުރިއެވެ. 

"ހުރިހާ އޮފީހެއް، ހުރިހާ ރިސޯޓެއް އަދި ސްކޫލުތަކުން ވެސް އެދަނީ ސިލޯނާއެކު ދިވެހީންގެ ހޭޝްޓެގް ބޭނުންކޮށްގެން އެހީވަމުން. އިންސާނިއްޔަތު ކަމުގައި ދިވެހީން މިތިބީ އަހަރެމެންނަށް ވުރެ މާ ކުރީގައި. ދިވެހީން މިއަދު އެކޮށްދިން ކަންތައް އަހަރެމެން ހަނދާނެއް ނުނެތޭނެ. ދިވެހީން އަހަރެމެންނަށް ބޭނުންވާ ދުވަހަކުން ސުވާލެއް ނެތި ބަދަލު ދޭނަން"

އެހެން މީހަކު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހީންގެ ކޮންމެ ރައްޔިތަކަށް ލަންކާ ރައްޔިތުންގެ ޝުކުރު އަދާކުރާ ކަމަށެވެ. 

ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތެއް ކަމަށްވާ، ސެނޫ ކާވީ ކުރި ޕޯސްޓުގައި ބުނީ އެހީތެރިވާން ބޮޑެތި ޤައުމުތައް އުނދަގުލުގައި އުޅޭއިރު ކުޑަކުޑަ ދިވެހިރާއްޖޭން އެ ދައްކުވައިދިނީ އާދަޔާޚިލާފު ހިތްވަރެއް ކަމަށެވެ.

އޭނާ ބުނީ އެހީ ދިނުމަށް ކަލެކްޝަން ފޮށިތައް ބަހައްޓައިގެން އެމީހަކަށް ދެވުނު އެއްޗެއް ދެމުންގެންދާ ކަމަށެވެ. އަދި، ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުންނަށް އެހީތެރިވާން ކުރެވުނު ކޮންމެ ކަމެއް އެދަނީ ކޮށްދެމުންކަން ފާހަގަކޮށް އޭނާ ބުނީ "މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ދިވެހީން އެކޮށްދޭ ކަންތައް އަހަރެމެން ހަނދާން ނައްތާލައިގެން ނުވާނެ" ކަމަށެވެ. 

"މިކަހަލަ ހިތްގައިމު ޤައުމެއްގައި މަސައްކަތްކުރަން ފުރުޞަތު ލިބުމަކީ އަހަރެމެންނަށް ނަސީބެއް" - ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތެއް

އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު، ތޫފާނުގައި 410 މީހަކު މަރުވެ 336 މީހަކު ވަނީ ގެއްލިފައެވެ. ގެއްލުން ލިބުނު މީހުންގެ އަދަދު 1.4 މިލިއަނަށް ވުރެ މައްޗެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ލަންކާއަށް އެހީވާން އެންމެ ދުރާލާ ތައްޔާރުވީ ދިވެހީންކަން ލަންކާ ރައްޔިތުންގެ ބަހުން އެނގެއެވެ. ސަރުކާރުގެ އިސްނެގުމާއެކު މީޑިއާތައް އެކުވެ އެކުރި މަސައްކަތަކީ ދިވެހީންނަކީ އަބަދުވެސް އެއްބައިވަންތަ ޤައުމެއްކަން ދައްކުވައިދޭ ކަމެކެވެ. 

ލަންކާއަށް މިއަދު އޮތީ ފުނޑުފުނޑުވި އާއްމުންގެ ދިރިއުޅުމާއި އެ ޤައުމުގެ އިޤްތިޞާދު ނަގައި ކޮޅަށް ޖެހުމެވެ. ލަންކާއިން އެދުނު ބައިނަލްއަޤްވާމީ އެހީއަށް ދިވެހީން އެވަނީ ވަރަށް ރަނގަޅަށް ޖަވާބުދީފައެވެ. ދިވެހީންގެ ދީލަތި އެހީއާއި ލޯތްބާއެކު އެ ފުރައިދިނީ ލަންކާ ރައްޔިތުންގެ ހިތްތަކެވެ. ދިވެހީންގެ ހިތްހެޔޮކަމަށް ލަންކާ ރައްޔިތުން ބަންޑުންކޮށްލި ޝުޢޫރުން، ދިވެހީން ސިލޯނާއެކު ތިބިކަން އެވަނީ ވަރަށް ރަނގަޅަށް ބަލައިގެންފައެވެ. 

ކިޔުންތެރިންގެ ހިޔާލު