ENGLISH
04 ޑިސެމްބަރު 2025
ލާމަރުކަޒީ ނިޒާމަކީ ފެހި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާ: ވަޒީރު
02 ޑިސެމްބަރު 2025
|
ކާފު ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ވާހަކަދައްކަވަނީ. ފޮޓޯ: ސިޓީސް މިނިސްޓްރީ
ލާމަރުކަޒީ ނިޒާމަކީ ފެހި ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކުރިން ހިފެހެއްޓިފައިވާ އެތައް ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލާފައިވާކަމަށް ވިދާޅުވެ، ލާމަރުކަޒީ ނިޒާމަކީ އެންމެ ބޮޑު ހަދިޔާކަމަށް ވަޒީރު ވިދާޅުވީ "ކާފު ފޯރަމް 2025" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މާލެ އަތޮޅު ކައުންސިލްގެ އިދާރާއިން އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ "ކާފު ފޯރަމް 2025" ނިމުމުގެ ރަސްމިއްޔާތު އޮތީ އިއްޔެއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މަސައްކަތުން ލާމަރުކަޒީ ނިޒާމު ކުރިއަރަމުންދިޔަ ނަމަވެސް، މި ނިޒާމު އިތުރަށް ތަރައްޤީކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތް ކުރުން، މި ނިޒާމުގައި ތިބެގެން މަސައްކަތްތަކުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ރަނގަޅުކުރާނީ" - އާދަމް ޝަރީފް ޢުމަރު
މީގެ ކުރިން ތަޢުލީމީ ދާއިރާގައި ހޭދަކުރެއްވި ކާމިޔާބު ދުވަސްތަކުގެ ވާހަކަ ހިއްސާކުރައްވަމުން، ރައްޔިތުންނަށް ބޭނުންވާ ކަންކަން ޙާޞިލްކުރަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަސައްކަތް ކާމިޔާބު ކުރުމަށް ރަނގަޅު ގުޅުންތަކެއް ބޭއްވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލާފައިވެއެވެ.
"މަސައްކަތް ކާމިޔާބުކުރަން ބޭނުންވާނަމަ ގުޅުން ބަދަހިކުރުމަކީ ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑަށް ވަރަށް ބޮޑަށް ތަޖުރިބާކުރެވިގެންދޭ" - އާދަމް ޝަރީފް ޢުމަރު
އެލްޖީއޭގައި މި ވަގުތު ތިއްބެވި ބޭފުޅުންނަކީ ތަޖުރިބާކާރު ފަރާތްތަކެއްކަމަށާއި ވަޒީރު ހުންނަވާނީ އެލްޖީއޭއާއެކު އަތުކުރި އޮޅާލައިގެން މަސައްކަތްކުރަން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށްތަކުގެ ކައުންސިލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ބައްދަލުވުންތަކުގައި ވެސް ކައުންސިލުން ހުށަހަޅައި ގޮތް ގޮތަށް ކަންކަން ގެންދަން، ރައީސް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ކ. ތުލުސްދޫގައި މުޅި ކ. އަތޮޅަށް އަމާޒުކޮށްގެން 4 ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ މި ފޯރަމަކީ ކާމިޔާބު އަދި ބޭނުންތެރި ފޯރަމެއްކަމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.