ENGLISH
04 ޑިސެމްބަރު 2025
ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ބުރާސްފަތި ދުވަހު ނަގަން ފަށަނީ
02 ޑިސެމްބަރު 2025
|
ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް އުޅަނދެއް ފުލުހުން ނަގަނީ. ހުޅުމާލޭގައި ހުރި އެފަދަ އުޅަނދުތައް ނަގާނެ ކަމަށް ފުލުހުން މިއަދު ބުނެފައިވޭ. ފޮޓޯ: ޕޮލިސް
ހުޅުމާލޭގެ ހުސްބިންތަކާއި އާއްމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން ފަށާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު އާއްމުކުރި މަޢުލޫމާތުގައި ބުނީ އެމަސައްކަތް ފަށާނީ ޑިސެމްބަރު 6 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.
ނަގަން ފަށާނެކަމަށް ފުލުހުން ބުނެފައިވާ އުޅަނދުތަކުގެ ތެރޭގައި، ޤަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ހިމެނޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރާނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ އުޅަނދުތައް ގެންދިއުމުގައި އަދި އެ އުޅަނދެއް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޚިދުމަތުން ޒިންމާ ނުވާނެ ކަމަށެވެ. އަދި ޓޯވކުރެވޭ އުޅަނދުތައް ޓޯވކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި، އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ޑިސެމްބަރު 5 ވަނަ ދުވަހުގެ 23:30 ގެ ކުރިން އެތަންތަނުން ނެގުމަށް ފުލުހުން ވަނީ އާއްމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.