ENGLISH
04 ޑިސެމްބަރު 2025
"ސިލޯނާއެކު ދިވެހިން" ޓެލެތޯނުން ލިބުނު 8 ލައްކައަށްވުރެ ގިނަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި
02 ޑިސެމްބަރު 2025
|
އިންޑިއާ ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން "ދީތުވާ"ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު އަވަށްޓެރި ސްރީ ލަންކާއަށް އެހީވުމަށް ޕީއެސްއެމް އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ (800،352 ޑޮލަރު) ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލްއާ މި ފައިސާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޚަލީލް ވަނީ ޓެލެތޯން ކުރިއަށް ގެންދިއުމުގައި 40 އަށް ވުރެ ގިނަ މީޑިއާ ހަރަކާތްތެރިވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ސްރީ ލަންކާ އަށް ދިމާވި ހިތާމަވެރި ކާރިސާގައި އެ ގައުމަށް އެހީވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާ އެކު، އެންމެ ފުރަތަމަ ނިންމި ގައުމަކީ ދިވެހި ރާއްޖެކަން އެމަނިކުފާން ފާހަގަކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ވިދާޅުވާނެ އަވައްޓެރިންނަށް ދިމާވާ ކަންކަމުގައި އެންމެ ފުރަތަމަ އިސްނަގާ ގައުމަކަށް ވާނީ ދިވެހި ރާއްޖެ ކަމަށް. އެކަން މި ވަނީ ސްރީ ލަންކާ އަށް ދިމާވި ކާރިސާއާ ގުޅިގެން ސާބިތުކޮށްދީފައި. އަދި ދިވެހިން މި ދައްކުވައިދިން އެއްބައިވަންތަކުން ދޭހަކޮށްދެނީ ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް އަޚުވަންތަކަން. ސްރީ ލަންކާއަކީ ދިވެހިންގެ ދެވަނަ ހޯމްކަން ދިވެހިން ބަލައިގަންނަކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފި،" މިނިސްޓަރ ޚަލީލް ވިދާޅުވި އެވެ.
ސްރީ ލަންކާ އަށް އެހީވުމަށް ރާއްޖޭގެ ރައްޔިތުން އިސްނަގައިގެން މި ކުރި މަސައްކަތް އެ ގައުމުގެ ރައްޔިތުން ވެސް އުފަލާއެކު ފާހަގަކުރާ ކަމަށް ސޯޝަލް މީޑިއާ އިން ފެންނަކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އިހުނަށްވުރެ ގާތް ގުޅުމެއް އުފެދިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ޓެލެތޯނުން ލިބުނު ފައިސާ ސްރީ ލަންކާ ސަރުކާރާ ރަސްމީގޮތުން މިއަދު ހަވާލު ކުރައްވާނެ ކަމަށެވެ.
ޓެލެތޯނުގެ އިތުރުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުންނާއި އެހެނިހެން ގޮތް ގޮތުން ސްރީ ލަންކާ އަށް ވެދިން އެހީގެ އަދަދު 2.3 މިލިއަން ޑޮލަރަށް ވުރެ އިތުރުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އާދިއްތަ ދުވަހުގެ ހެނދުނު 9 އިން ފެށިގެން 29 ގަޑިއިރަށް ކުރިއަށް ގެންދިޔަ ޓެލެތޯނުގެ ފަންޑް ރެއިޒިން ވަގުތު ހަމަވިއިރު ފަންޑް ފޮށިތަކަށް ލިބުނު ހުރިހާ ފައިސާއެއް ގުނުމުގެ މަސައްކަތްކޮށްފައި ވަނީ ރާއްޖޭގެ އޮޑިޓް ފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސް އިންނެވެ.
ކްރޯ މޯލްޑިވްސް އިން ބުނީ ޓެލެތޯން މެނޭޖްކުރުމާއި ފަންޑް މެނޭޖްކުރުމުގައި ޕީއެސްއެމް އިން އަމަލުކޮށްފައި ވަނީ ކްރޯ މޯލްޑިވްސް އިން ކަނޑައަޅާފައިވާ ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ޓެލެތޯން ކުރިއަށް ދިޔަ އިރު ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކާއި އެސްއޯއީތަކާއި ސަރުކާރުގެ އޮފީސްތަކާއި ސިޔާސީ ޕާޓީތައް އަދި އާއްމު ފަރުދުންގެ ބޮޑު އެހީތެރިކަމެއް ވަނީ ލިބިފަ އެވެ. މި ޓެލެތޯނުގައި ޖުމްލަ 2.4 މިލިއަނާއެކު އިދާރާއަކުން ލިބުނު ފައިސާގެ އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ދިވެހި ފުލުހުންނެވެ. އަދި ދެވަނައަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނީ ދިވެހި ސިފައިންނެވެ. އެ އިދާރައިގެ ފަރާތުން ވަނީ އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ.