ENGLISH

03 ޑިސެމްބަރު 2025

Advertisement

އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް މާލޭ ބާޒާރުމަތީގައި ހުޅުވައިފި

02 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

އެސްޓީއޯ އިން މާލޭގެ ބާޒާރުމަތީގައި ހުޅުވި ހޯލްސޭލް ސެންޓަރ. --ފޮޓޯ:އެސްޓީއޯ

ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ކެއިންބުއިމަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް ފަސޭހައިން ހޯލްސޭލްކޮށް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް މާލޭ ބާޒާރުމަތީގައި ހުޅުވައިފި އެވެ.

"އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރ 2" ހުޅުވީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކުރިން ހިންގި އިމާރާތް ނުވަތަ މާލޭ ނޯތު ހާބަރުގެ ގޭޓު ކުރިމަތީގަ އެވެ.

އެސްޓީއޯއިން މި ފިހާރަ ބަނދަރު ސަރަޙައްދުގައި ހުޅުވުމުގެ އެންމެ މުހިއްމު ބޭނުމަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި އެސްޓީއޯއިން ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ އެހެން ބްރޭންޑްތަކުގެ މުދާތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރި ކުރާފާރާތްތަކަށް ފޯރުކޮށްދިނުމުގެ އިތުރުން އާއްމު ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. 

ބަނދަރު ސަރަޙައްދުގައި ފިހާރަ ހުޅުވުމުން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މުދާ އެރުވުމުގައި ލުއި ފަސޭހަވެގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި ފިހާރައިގެ ހިދުމަތް ހުކުުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި  މެންދުރު 13:00 އިން 17:00 އަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އިން ބާޒާރު ސަރަޙައްދުގައި އަލަށް ހުޅުވި ފިހާރައިން ދިވެހިރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެ އެވެ. މިކަމުގެ ސަބަބުން، ރާއްޖޭގެ ދަނޑުވެރިކަން ކުރާ ފާރަތްތަކަށް އެފަރާތްތަކުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ފުރުޞަތު ލިބި އެމީހުންގެ މަސައްކަތުން އެންމެ އެކަށީގެންވާ ނަފާ ހޯދުމުގެ މަގު ތަނަވަސް ވެގެންދާނެކަމަށް އެސްޓީއޯއިން ގަބޫލުކުރެ އެވެ.

އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތްތާނގައި އެ ކުންފުނިން ކުރަމުން އަންނަ ވިޔަފާރި ފުޅާކޮށް، ހުޅުމާލޭގައި އިތުރު އައުޓްލެޓެއް ހުޅުވުން ކަމަށް ބުންޏެވެ.

ކެއިންބުއިމަށް ބޭނުންވާ އަސާސީ ބާވަތްތައް ހެޔޮއަގުގައި އާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އަސާސީ ބާވަތްތައް އަންނަނީ މެދުނުކެނޑި ފޯރުކޮށްދެމުންނެވެ.   

ކިޔުންތެރިންގެ ހިޔާލު