ENGLISH
04 ފެބްރުއަރީ 2026
މަޤާމުގެ ފަރަގެއް ނެތި އެކްސިޑެންޓުގައި އެހީވުމުން ވަޒީރު އިޙްސާނަށް މެންބަރު ސިނާންގެ ތަޢުރީފް
02 ޑިސެމްބަރު 2025
|
ބްރިޖުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ވަޒީރު އިޙްސާން އެހީތެރިކަން ފޯރުކޮށްދެއްވަނީ. ވަޒީރުގެ ޢަމަލަށް ގިނަ ބަޔަކު ތަޢުރީފް ކުރި.
އެންމެ މަޤްބޫލު
ސިނަމާލެ ބްރިޖު މަތީ ރޭ ދެ ސައިކަލު ޖެހި އެކްސިޑެންޓް ހިނގީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ކާރުގައި ހުޅުމާލެއަށް ވަޑައިގަންނަވަނިކޮށެވެ.
އެކްސިޑެންޓް ހިނގިތަން ފެނިވަޑައިގަތުމާއެކު ވަޒީރު ވަނީ ކާރު ހުއްޓުވައި، އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އެގޮތުން އެމީހުން އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައީ ވަޒީރުގެ ކާރަށް އަރުވައިގެންނެވެ.
އެކްސިޑެންޓް ހިނގުމުން ވަޒީރު ޢަމަލުކުރެއްވި ގޮތަށް ގިނަ ބައެއްގެ ތަޢުރީފް ވަނީ ލިބިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިނާން، ވަޒީރު އިޙްސާން އެހީތެރިވާ ވީޑިއޯއާއެކު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މަޤާމުގެ ފަރަގެއް ނެތި އެފަދަ އެހީތެރިކަމެއް ފޯރުކޮށްދެއްވުމަކީ ކުލުނާއި ލޯބި އިތުރުވެ، އަންނަން އޮތް ޖީލުތަކަށް މިފަދަ ރިވެހި އަހުލާގީ މުޖުތަމައެއް ބިނާކުރުމަށް އެޅިގެންދާނެ ބިންގަލެއް ކަމަށެވެ.
މެންބަރު ސިނާން ވިދާޅުވީ، ކަމެއް ދިމާވުމުން އެއް އިންސާނާކު އަނެއް އިންސާނަކަށް އެހީވުމަކީ ކޮންމެހެން އަދާކުރަންޖެހޭ ވާޖިބެއް އަދި އިސްލާމީ ރިވެތި ސިފައެއް ކަމަށެވެ. އެގޮތުން މަޤާމުގެ ފަރަގެއް ނެތި ކޮންމެ ރައްޔިތަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީވެ، އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭކަން މެންބަރު ފާހަގަކުރެއްވިއެވެ.
ފުލުހުން ދީފައިވާ މަޢުލޫމާތުގައި ބުނީ، އެކްސިޑެންޓް ހިނގީ ރޭ 6:35 ހާއިރު ކަމަށެވެ. އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް އަނިޔާވިކަމާއި، އެމީހުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަން ފުލުހުން ރޭ މީޑިއާތަކާ ޙިއްޞާކުރި މެސެޖުގައި ބުނެފައިވެއެވެ.
ފުލުހުން ވަނީ، އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންދިޔައީ ވަޒީރު އިޙްސާންގެ ކާރުގައި ކަމަށް ވިދާޅުވެފައެވެ.
އެކްސިޑެންޓުގައި އެކަކުގެ މޫނުމަތި ފަޅައިގެން ގޮސް އަނެކަކުގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް އަނިޔާތަކެއް ވަނީ ލިބިފައެވެ. ހާދިސާގައި ދެ ސައިކަލަށް ވެސް ގެއްލުންވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.