ENGLISH
05 ޖުލައި 2025
ވޭޕް މަނާކުރުމަށް ރައީސްގެ ނިންމެވުން : ދިވެހި ދަރީންގެ ރައްކާތެރި ކަމަށް އެޅުއްވި މުހިއްމު ފިޔަވަޅެއް
02 ޑިސެމްބަރު 2024
|
ވޭޕް މަނާކުރުން
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖޭގައި ވޭޕިންގ މަނާކުރުމަށް ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. މިއީ ދުނިޔޭގައި ވޭޕިންގގެ ސަބަބުން ކުރިމަތިވެފައިވާ ބަލިމަޑުކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ދިވެހިރާއްޖެ އިސްސަފުގައި ބައިވެރިވުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ. ވޭޕް މަނާކުރުމުގެ ތެރޭގައި ވޭޕިންގ ޑިވައިސްތައް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުމާއި އަދި ޕްރޮމޯޓްކުރުން ހިމެނެއެވެ.
"ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފިން" - ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގައި ވޭޕިންގއާ ގުޅޭ ގޮތުން އުފެދެމުންދާ ކަންބޮޑުވުންތައް
ވޭޕް ބޭނުންކުރުމާއި ގުޅޭ ގޮތުން ވަނީ ކަންބޮޑުވާން ޖެހޭ ފަދަ ތަފާސް ހިސާބުތަކެއް ހާމަވެފައެވެ. 2019 ވަނަ އަހަރު ހެދުނު ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭއިން ދައްކާ ގޮތުގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ ދިވެހި ފިރިހެން ކުދިންގެ ތެރެއިން 23.1 އިންސައްތަ އަދި އަންހެން ކުދިންގެ ތެރެއިން 10.7 އިންސައްތަ ކުދިން ވަނީ އީ-ސިގިރެޓް ބޭނުންކޮށްފައެވެ.
ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ވޭޕިންގ އާންމުވަމުން ދިޔުމާ ގުޅޭ ގޮތުން ޞިއްޙީ ދާއިރާގެ ފަންނީ މާހިރުން ވަނީ އިތުރަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ވޭޕް ބޭން (މަނާ) ކުރެއްވިއްޖެ ކަމަށްވާނަމަ އެންމެ ބޮޑަށް އަޅުގަނޑުމެނަށް މި ޕްރޮޓެކްޓު ކުރެވެނީ އަޅުގަނޑުމެންގެ ކުޑަކުދިން. އަންނަން އޮތް ޖީލުތައް. އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެނަށް މި ލިބުނު ކުރިއެރުމަކީ އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް" - އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. މުޙައްމަދު އަލީ
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. މުޙައްމަދު އަލީ ވިދާޅުވީ، ވޭޕާ ހެދި އެޑިކްޝަންގެ ކަންތައްތައް އިތުރުވާ ކަމަށާއި ކުޑަކުދިން ވޭޕް ބޭނުން ކުރުމަށް ވެސް މައިންބަފައިން ހުރަސް ނާޅާ ކަމަށެވެ. އެކަމުގެ ސަބަބުން ހެދިބޮޑުވަމުން އަންނަ ކުދިން ނިކޮޓިންއަށް ދެވިހިފައި އެހެން މާއްދާތަކަށް ދިމާލަށް ދެވޭ ގޮތްވާ ކަމަށް ޑރ. މުޙައްމަދު އަލީ ވިދާޅުވިއެވެ.
މި ފިޔަވަޅަކީ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމްސް (އީ.އެން.ޑީ.އެސް) ގެ ސަބަބުން ނޭވާލާ ނިޒާމަށާއި ހިތުގެ ޞިއްޙަތަށް ކުރިމަތިވާ ނުރައްކާތަކާ ގުޅޭ ގޮތުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ދެމުންދާ އިންޒާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޅުނު ފިޔަވަޅެކެވެ.
"ވޭޕްއަށް ދެވި ހިފާފައިވާ ކުޑަކުދިންގެ ތެރޭގައި އުމުރުން އެންމެ 9 އަހަރުގެ ކުދިން އެބަތިބި. ސަރުކާރުގެ އޮތް ކަންބޮޑުވުމަކީ އެފަދަ ތަކެތީގެ ތެރެއަށް ލާފައި އޮޅުވާލައިގެން އެ ކުދިންނަށް މަސްތުވާތަކެތި ދެމުން އައުން" - ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެއެވެ.
މި ނިޒާމުގެ ތެރެއިން މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަ ޖީލެއް ރާއްޖެ އުފެދިދާނެކަމުގެ ބިރު އޮތީ ހީވެފައެވެ. ތަފާސް ހިސާބުތަކުން ފެންނަނީ އާދަޔާހިލާފު މިންވަރަކަށް ސްކޫލުތަކުގެ ތެރޭގައި ފަސޭހަކަމާ އެކު، އަގުހެޔޮކޮށް "ޑިސްޓްރިބިއުޝަން ނެޓްވޯކްތައް" ހެދިގެން އެކަން ކުރަމުން އަންނަ މަންޒަރެވެ.
މަސްތުވާތަކެއްޗަކީ އޭގެ ޒާތުގައި ހެޔޮއަގެއްގައި ލިބޭ އެއްޗަކަށް ނުވާއިރު، ވޭޕް "އިންފިއުސްޑް" މަސްތުވާ ތަކެތި ތަންކޮޅެއް ހެޔޮ އަގުގައި ބަހަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބި، ކުރެވޭ ތަހުގީގުތަކަށް އެކަން ވަނީ ފާހަގަކުރެވިފައެވެ. ޓެލެގްރާމް ޗެނަލްތައް ހަދައިގެން މަސްތުވާތަކެތި އެއްކޮށްފައިވާ ވޭޕް ވިއްކުމުގެ ކަންކަން ކުރަމުން އަންނަކަން ވަނީ އެނގިފައެވެ.
"މިއީ ވަރަށް ރަނގަޅު ނިއްމެވުމެއް. ކަންބޮޑުވާ ހިސާބަށް މިކަން ވަނީ ގޮއްސަ. އަޅުގަނޑުމެން ގޭގަ ވޭޕް ބޭނުން ނުކުރިޔަސް ފަސޭހައިން ވޭޕް ލިބޭ ދަރިވަރުން އެބައުޅޭ. ދަބަހައްލައިގެން ސްކޫލަށް ގެންގޮސް ވޭޕް ނުލިބޭ ކުއްޖާއަށް ވެސް ވޭޕް ބޭނުން ކުރުމުގެ މަގު އެބަ ތަނަވަސްވޭ. އަނެއްކާ ސިނގިރޭޓާއި ހިލާފަށް ވޭޕަކީ ބޭނުން ކުރަން ފަސޭހަ އެއްޗެއް. ވޭޕް މަނާ ކުރުމާއެކު ވަރަށް ބޮޑު ބިރަކުން މިސަލާމަތްވީ. ރައީސްގެ ނިންމެވުން ހަމައެއްވަނަ. " - ޢަލީ ރަޝީދު ، އުމުރުން 14 އަަހަރުގެ ދަރިވަރެއްގެ ބެލެނިވެރިއަކު ބުންޏެވެ.
ސަރުކާރުން ރައްޔިތުންނަށްޓަކައި ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ސިވިލް ސަރވިސް މުވައްޒަފުން އެއްބައިވަންތަކަމާއެކު މަސައްކަތް ކުރެއްވުމަށާއި، އާންމު ޞިއްޙަތުގެ ދުޅަހެޔޮ ކަމަށްޓަކައި، "ވޭޕް" ކުރުން ފަދަ ކަންކަމުގައި ހުރި ގެއްލުންތައް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ރައްޔިތުންނަށް ވިދާޅުވެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވަނީ ބާރުއަޅުއްވާފައެވެ.
"ވަރަށް އުފާވޭ ރައީސް ވޭޕް މަނާކުރެއްވުމަށް ނިންމެވީމަ. ވަރަށް ބޮޑު ކަންބޮޑުވުމެއް މިއީ. މުޖްތަމަޢުއަށް އޮތް ބޮޑު ބިރުވެރިކަމެއް. މިކަން ކުރަން ލަސްވެސްވެއްޖެ. ރައީސް މުޢިއްޒު ގެ ސަރުކާރުން މިކަން ކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް." - ބެލެނިވެރިއެއް ކަމުގައިވާ މަރިޔަމް ވަދީފާ ބުންޏެވެ.
ޑަބްލިއު.އެޗް.އޯ އިން މި ނިންމުމަށް ތަޢުރީފުކުރުން
މި ނިންމުމަކީ ޒުވާނުން ނިކޮޓީނަށް ދެވި ހިފުމާއި ދުރު މުސްތަޤުބަލުގައި ކުރިމަތިވެދާނެ ޞިއްޙީ ނުރައްކާތަކުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބުނެ ޑަބްލިއު.އެޗް.އޯ އިން ވަނީ ދިވެހިރާއްޖެއަށް ތަޢުރީފުކޮށްފައެވެ. މި ނިންމުމާ އެކު ދިވެހިރާއްޖެ ވަނީ އިންޑިޔާ، ތައިލެންޑް އަދި ސިންގަޕޫރު ފަދަ ޤައުމުތަކާ އެއްސަފުގައި ވޭޕިންގ މަނާކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާ ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ.
ސައުތު އީސްޓް އޭޝިއާ ޓޮބެކޯ ކޮންޓްރޯލް އެލަޔަންސް (ސީޓްކާ) އިން ހާމަކުރާ ގޮތުގައި، ބްރޫނާއި، ކެމްބޯޑިއާ، ލާއޯސް، ސިންގަޕޫރު އަދި ތައިލެންޑުގައި ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރެޓް ވިއްކުމާއި ބޭނުން ކުރުން މިހާރުވެސް ވަނީ މަނާކުރެވިފައެވެ.
މުޅި ދުނިޔޭގައި މިފަދަ ފިޔަވަޅުތައް އަޅާފައިވަނީ އެންމެ 37 ޤައުމުގައި ކަމަށް ވާތީ، މިއީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ދުންފަތުގެ އިސްތިޢުމާލު ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގައި ޙާޞިލު ކުރެވުނު މުހިންމު ކާމިޔާބީއެކެވެ.
ވޭޕިންގގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ އަސަރުތައް
ދުނިޔޭގެ ފެންވަރުގައި ވޭޕިންގ ވަނީ ޞިއްޙަތަށް ނުރައްކާތެރި އަސަރުތަކަކާ ގުޅިފައެވެ. އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) އިން ބުނާ ގޮތުގައި 2020 ވަނަ އަހަރު އެމެރިކާގައި އީ-ސިގިރެޓް ނުވަތަ ވޭޕިންގ އާ ގުޅުންހުރި ފުއްޕާމޭގެ ގެއްލުމުގެ (އީ.ވީ.އޭ.އެލް.އައި) 2,800 އަށްވުރެ ގިނަ މައްސަލަ ވަނީ ރިޕޯޓުކުރެވިފައެވެ. މީގެ އިތުރުން، ވޭޕިންގ ސިނާޢަތުން މަޝްހޫރު ރަހަތަކާއި މާކެޓިންގ ސްޓްރެޓެޖީތައް މެދުވެރިކޮށް ޒުވާނުން އަމާޒުކޮށްގެން މަސައްކަތްކުރާކަމުގެ ފާޑުކިޔުންތައް އަމާޒު ވަމުންދެއެވެ.
ވޭޕް މަނާކުރުމުގެ ސަބަބުން ލިބޭނެ ފައިދާތައް
ދިވެހި ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި މަނާކުރުމުގެ ސަބަބުން އަންނަނިވި ފައިދާތައް ލިބޭނެއެވެ؛
- ޢާންމު ޞިއްޙަތު ރަނގަޅުވުން: ފުއްޕާމޭގެ ކެންސަރާއި ހިތުގެ ބަލިތައް ފަދަ ނުރައްކާތެރި ބަލިތައް މަދުވުން.
- ޒުވާނުން ރައްކާތެރިކުރުން: ކުޑަކުދިންނާއި ޒުވާނުން ދެވިހިފާ ޒާތުގެ މާއްދާތަކަށް ހާމަވުން މަދުކުރުން.
- އިޤްތިޞާދީ ލުޔެއް: ވޭޕިންގ އާ ގުޅުންހުރި ބަލިތަކަށް ފަރުވާދިނުމަށް ހޭދަކުރަންޖެހޭ ޞިއްޙީ ޚަރަދުތައް ކުޑަވުން.
ޑރ. މުޢިއްޒު ވަނީ އާންމު ދުންފަތުގެ އިސްތިޢުމާލުގެ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ މަތިކުރައްވާފައެވެ. އެއީ ދިވެހިންގެ އާންމު ސިއްޙަތު ރަނގަޅު ކުރުމުގެ މުޙިއްމު ފިޔަވަޅެކެވެ.