ENGLISH
01 ޑިސެމްބަރު 2025
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކުން ތިން ގުނަ އަވަަސްކޮށްފި
01 ޑިސެމްބަރު 2025
|
ރަސްމާލެ ހިއްކުން ހަލުއިކުރުމަަށް ގެނައި ބޮޑު ޑްރެޖަރު
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް ރަސްމާލެ ތަރައްގީކުރުމަށް ކ.ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ 'ކްރިސްޓަބެލް ކޮލޯން" ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާގެ ދެ ޑްރެޖަރުން އެކަތި ރާއްޖެއަށް ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް އިތުރަށް ހަލުއިކޮށްފައިވާ ކަމަށެވެ.
އެ ޑްރެޖަރު އިއްޔެ ރަސްމާލޭގެ ބިން ހިއްކާ ސަރަހައްދަށް މޯބަލައިޒްކޮށްފައިވެއެވެ. ރޭ ފަތިހު ޑްރެޖަރުން ވެލި ނަގަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއަދު މެންދުރު ކުރީ ވަގުތެއްގައި އެ ޑްރެޖަރުން ހިއްކާ ސަރަހައްދަށް ވެލި އަޅަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރަސްމާލެ ތަރައްގީކުރަނީ ސައްތައިން ސައްތަ ޒީރޯ ނެޓް ކާބަން ސިޓީއެއްގެ ގޮތުގައި ސްމާޓު އިކޯ ސިޓީއެއްގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ގޮތަށެވެ. އެއީ ރާއްޖޭގެ ތާރީހުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލެއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ. މިހާރު އެ މަޝްރޫއުގެ ތެރެއިން އެންމެ އަވަހަށް ހިއްކައި ނިމޭ ބިމުން 15،000 ގޯތި ދޫކުރުމަށް ރައީސްވަނީ ނިންމަވާފައެވެ.
އޭގެ އިތުރަށް އެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފައިވެއެވެ.