ENGLISH
01 ޑިސެމްބަރު 2025
އިންތިޚާބަށް ފަހު އަތޮޅު ކައުންސިލުތައް އުވޭ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި
01 ޑިސެމްބަރު 2025
|
ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އަތޮޅު ކައުންސިލުތައް އުވިގެންދާ ގޮތަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.
ޤާނޫނު ނަންބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވާފައިވަނީ، 27 ނޮވެންބަރު 2025 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައެވެ.
ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުޠު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުންނެވެ. އަދި ރަށު ކައުންސިލްތަކުން ޖަވާބުދާރީވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށާއި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށެވެ.
މީގެ އިތުރުން، ކައުންސިލްތައް އެކުލެވިގެންވާ ގޮތް ވެސް ވަނީ އިޞްލާޙުކުރައްވާފައެވެ. އެގޮތުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ ތިން މެންބަރުން (އަންހެން އެއް މެންބަރު) އަދި 2000 އަށްވުރެ ބޮޑު އަބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިޚާބުކުރާނީ ފަސް މެންބަރުން (އަންހެން 2) ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.
މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ، ކައުންސިލްގެ މޭޔަރުގެ އިތުރުން، މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދާ އެއް ޢަދަދެއްގެ މެންބަރުންގެ މައްޗަށެވެ. ފުވައްމުލަކު ސިޓީ ކައުންސިލު އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، ކޮންމެ އަވަށަކަށް (ޖުމުލަ 8 އަވަށް) އެއް ގޮނޑީގެ ނިސްބަތުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލްގެ އިންތިޚާބުތަކުގައި އަންހެން މެންބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުޞޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލުގެ ދަށުން ކަމަށް މި އިޞްލާޙުގައިވެއެވެ.
މި އިޞްލާޙާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވާ ގޮތަށް ވެސް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ ރައްޔިތުން އިންތިޚާބުކުރާ ފަރާތެއްކަމަށާއި، އަދި އަންހެނުންގެ ކޮމިޓީގެ ރައީސަކީ، ފުލްޓައިމް މެންބަރެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން، އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރު ހިމެނުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
މި އިޞްލާޙާއެކު ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ގޮތްތަކުގެ ތެރޭގައި، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ވަނީ ހިމަނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.
ރައީސް މިއަދު ވަނީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވައި އެ އިންތިޚާބުގެ އެންމެހައި އުޞޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރުމަށް ޤާނޫނަށް ގެނައި އިޞްލާޙުތައް ވެސް މިއަދު ތަސްދީގު ކުރައްވައިފަ އެވެ. .ޤާނޫނު ނަންބަރު 10/2010، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، 2025 ނޮވެންބަރު 27 ވީ ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ގާނޫނަށް ގެނައި އިސްލާޙްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަން ބާއްވަންވާނީ، އަހަރަކު ދެ ފަހަރު ކަމަށް ވަނީ ކަނޑައަޅައި އިސްލާޙްކޮށްފައެވެ.
މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު މި ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ.