ENGLISH
01 ޑިސެމްބަރު 2025
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ސިފައިންނާއި ފުލުހުންގެ ފަރާތުން ތިން މިލިއަން ރުފިޔާ ހަދިޔާކޮށްފި
01 ޑިސެމްބަރު 2025
|
ފަހުގެ ތާރީޚެއްގައި ސްރީލަންކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މޫސުމީ ކާރިސާގެ ސަބަބުން އެ ގައުމުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާ ( ޕީއެސްއެމް އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ކުރިޔަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯންއަށް ސިފައިންނާއި ފުލުހުންގެ ފަރާތުން ތިން މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.
މި ޓެލެތޯނުގައި ޖުމްލަ 2.4 މިލިއަނާއެކު އިދާރާއަކުން ލިބުނު ފައިސާގެ އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ދިވެހި ފުލުހުންނެވެ. އަދި ދެވަނައަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ސިފައިންނެވެ. އެ އިދާރައިގެ ފަރާތުން ވަނީ އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ.
"ސައިކްލޯން ޑިޓްވާ" ގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީއަށް ލަންކާއިން އެދުމާއެކު އެންމެ ފުރަތަމަ އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނީ ދިވެހިރާއްޖެއިންނެވެ.
ރާއްޖޭގެ ގިނަ މީޑިއާތަކަކާއި ގުޅިގެން ޕީއެސްއެމް އިން އިސްނަގައިގެން ކުރިޔަށްގެންދިޔަ ޓެލެތޯނުގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިތުރަށް އަމިއްލަ ވިޔަފާރިތަކުން ވެސް ބައިވެރިވެ، މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިހާތަނަށް ޖުމްލަ 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 43،631.31 ޑޮލަރު ވަނީ އެކައުންޓުތަކަށް ލިބިފައެވެ.
އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި ވޯޓު ފޮށިތަކަށް ލިބުނު ފައިސާ ވެސް މިހާރު އަންނަނީ ގުނަމުންނެވެ.
މި ކާރިސާގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތަކުގައި އެ ގައުމުން މަރުވި މީހުންނާއި ގެއްލުނުނު މީހުންގެ އަދަދު 300 އަށް ވުރެ ގިނަ ވެއްޖެއެވެ. އަދި ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އިއުލާނުކޮށްފައެވެ.