ENGLISH
04 ޑިސެމްބަރު 2025
ބެޑްމިންޓަން ބައިނަލްއަގުވާމީ ތިން މުބާރާތުގައި ރިވައިވަލް އަށް ރަނގަޅު ކާމިޔާބީއެއް
01 ޑިސެމްބަރު 2025
|
"އެކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަރނޭޝަނަލް 2025" މުބާރާތުގައި ވާދަކުރި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ރިހި މެޑަލަކާއި ދެ ބްރޯންޒް މެޑަލް ހާސިލްކޮށްފިއެވެ.
މިއާއެކު، ރިވައިވަލް އިން އެންމެ ފަހުން ވާދަކުރި ތިން މުބާރާތް އެއްކޮށް ހިމެނޭހެން ޖުމުލަ ހަތް މެޑަލް ހާސިލްކޮށްފައެވެ.
އެގޮތުން، ދެކުނު އެފްރިކާގައި ނޮވެންބަރު 27 އިން 30 ގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤު އާއި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއާ ވަނީ ޑަބަލްސް އިވެންޓުން ރިހި މެޑެލް ހާސިލްކޮށްފައެވެ.
މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގައި ވާދަކޮށް، ރާއްޖޭގެ ޙުސައިން ޒަޔާން ޝަހީދު ޒަކީ އާއި ނަބާގެ ޕެއާ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށް، ބްރޯންޒް މެޑެލް ހޯދާފައެވެ.
މީގެއިތުރުން، މި މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ސެމީގައި ވާދަކޮށް ނަބާ ވަނީ ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.
މިއީ މިދިޔަ މެއި މަހު ދުނިޔޭގެ ބެޑްމިންޓަންގެ މައި ޖަމްޢިއްޔާ، ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރުމަށްފަހު، އޭގެފަހުން މިދިޔަ ސެޕްޓެންބަރު މަހު ބީޑަބްލިއުއެފް އިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއި ދިން ފަހުން ރިވައިވަލް ސްޕޯޓްސް އިން ވާދަކުރި ފުރަތަމަ މުބާރާތްތަކެވެ.