ENGLISH
01 ޑިސެމްބަރު 2025
ވޯލްޑް ކަޕްގައި ވާދަކުރާ ކެރަމް ގައުމީ ޓީމަށް ޖާޒީ ހަވާލުކޮށްފި
01 ޑިސެމްބަރު 2025
|
އަންނަ އަންގާރަ ދުވަހު މާލޭގައި ފަށާ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ކެރަމް ޓީމަށް ޖާޒީ ހަވާލުކޮށްފިއެވެ.
މި މަހުގެ 2 އިން 6 ގެ ނިޔަލަށް ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ގައުމީ ކެރަމް ޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ އިންޑިއާގެ ޓްރެއިނަރުންގެ އެހީތެރިކަމާއެކު އެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފައިވަނީ ހެންވޭރު ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޖާޒީ ހަވާލުކޮށްދެއްވާފައިވަނީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ. މީގެއިތުރުން، ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމް އާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) ގެ އިސްވެރިންގެ އިތުރުން މުބާރާތަށް އެކުލަވާލި ޓޯނަމަންޓް ބޯޑުގެ މެންބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ގައުމީ ޓީމާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ، އެ ޓީމަށް ހިތްވަރު ދެއްވާފައެވެ. އެގޮތުން، ވަޒީރު ދެއްކެވި ވާހަކައިގައި ވަނީ، ދެވަނަ ފަހަރަށް ރާއްޖޭގައި ކެރަމްގެ އެންމެ ޝަރަފުވެރި މުބާރާތް ބޭއްވުމަށް ނިންމި ހިސާބުން، ކުޅުންތެރިން އެ ޗެލެންޖާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރުވުމަށް ކުރި މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ.
މުބާރާތުގައި ކާމިޔާބީ ހޯދުމުގެ އަޒުމުގައި ހިތްވަރާއެކު ކުރިމަތިލައި، އެގޮތުގައި ނިންމާލުމަށް ހުރިހާ ކުޅުންތެރިންގެ އަމާޒަކަށް ހެދުމަށް ވެސް ވަޒީރު ވަނީ އިލްތިމާސްކޮށްފައެވެ.
މުޅިއެކު 17 ގައުމަކުން 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާ މި މުބާރާތުގައި ރާއްޖެ އަށް ފުރިހަމަ ކާމިޔާބީއެއް ލިބުމަށް އެދޭ ކަމަށް ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ވިދާޅުވެފައެވެ.
މި މުބާރާތުގައި ވާދަކުރާ ޤައުމީ ސްކޮޑުގައި ހިމެނެނީ؛ އިބްރާހިމް ހުޖާން އަލީ، ހަސަން ނާޒިމް (ނާނަ)، އިސްމާއިލް އަޒްމީން، އާދަމް އަދީލް އާއި މުޙައްމަދު މުންތަސިރު އެވެ.
މި ފަހަރުގެ ޤައުމީ ޓީމުން ޖާގަ ހޯދި އަންހެން ފަސް ކުޅުންތެރިންނަކީ؛ އައިޝަތު ނަހުފާ، ފާތިމަތު ރަޔާނާ، އައިޝަތު ފައިނާޒް، އައިމިނަތު ވިދާދް އާއި އާމިނަތު ވިޝާމާ އެވެ.