ENGLISH

05 ޖުލައި 2025

Advertisement

ސައުދާ ހުށަހެޅުއްވި ކޮޕީ ރައިޓުގެ ހައްގުތަކާ ގުޅޭ ގާނޫނު ފާސްކޮށްފި

02 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް

ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ.

އެ ބިލު ހުށަހެޅުމުގެ ބޭނުމުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާ ގުޅޭ އެނޫންވެސް ހައްގުތަކާ ގުޅޭ ކަންކަން އިތުރަށް ތަފްސީލްކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާ އާއި ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާއާއި ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްނާ ހިމެނޭހެން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުން ހިމެނެ އެވެ.

ބިލު ހުށަހެޅުއްވި މެމްބަރު

ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި ކޮޕީރައިޓާ ގުޅޭ ހައްގުތައް ކަށަވަރު ކުރުމުގައާއި އެނޫންވެސް ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަކީވެސް އެ ބިލް ހުށަހެޅުމުގެ މަގްސަދެކެވެ.

ކޮޕީރައިޓުގެ ވެރިފަރާތުގެ ޙައްޤަށް އަރައިގަތުމުގެ ގޮތުން އެ ޙައްޤަށް އަރައިގަތް ފަރާތުން ޤަޞްދުގައި ނުވަތަ އެކަށީގެންވާ ފަރުވާ ނުބަހައްޓައި ކުރި ޢަމަލުގެ ކުޑަބޮޑުމިނަށް ބަލައި އަދަބެއްގެ ގޮތުން އެފަރާތް 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވޭނެއެވެ.

މީގެ އިތުރުން ޤާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ޙައްގަކަށް ގަސްތުގައި އުނިކަމެއް އަންނަގޮތަށް އަމަލުކޮށްފިނަމަ ޖިނާޢީ އަދަބެއްގެ ގޮތުގައި އޭގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް އިސްލާހުގައި ވަނީ ހިމަނާފައެވެ.  

އިގްތިސާދީ ކޮމިޓީން ކުރި ދިރާސާއަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ 57 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ކޮމިޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ އެ ބިލާ ގުޅިގެން ކޮމިޓީއިން ކުރި ދިރާސާގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓް ހުށަހަޅުއްވައިދެއްވާފަ އެވެ.

ފަޒާދު ވިދާޅުވީ އެ ބިލު ދިރާސާކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އެ ބިލް ދިރާސާކުރުމުގައި ކޮމިޓީން ބެލި ކަންތައްތަކަކީ އުފެއްދުންތައް އުފައްދާ ފަންނީ މުސައްނިފާއި ފަންނުވެރިއާގެ ފަންނާއި އުފެއްދުންތަކަށް ލިބިދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި ނަފާއާއި މަންފާ ލިބޭނެ ގޮތަކަށް ބިލު ފަރުމާކުރުމަށް ކަމަށް ފަޒާދު ވިދާޅުވި އެވެ.

ފަޒާދު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީއާއި އާ ވަސީލަތްތަކުގެ އުފެއްދުންތައް އުފެއްދުމުގައި މިހާރުގެ ގާނޫނުން ހިމާޔަތް ލިބިފައިނުވާ ކަންކަމަށް ހިމާޔަތް ލިބޭނެ ގޮތަށް ބިލް ފަރުމާކުރުމަށް ކޮމިޓީ މަރުހަލާގައި ބެލި ކަމަށެވެ.

ކޮމިޓީން ގެނައި އިސްލާހުތަކާއެކު ބިލް ފާސްކުރުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު ތާއީދުކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު