ENGLISH

05 ޖުލައި 2025

Advertisement

ރައީސް ވިދާޅުވި ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ހުށަހަޅައިފި

02 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

މެމްބަރު ޔޫސުފް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މުޙިއްމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިދެއްވީ ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދެވެ.

މިދިޔަ ހަފުތާގެ ތެރޭގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ގައުމު ސަލާމަތް ކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ހުރި ބައެއް އުނިކަންތައް ކަމަށެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ގައުމު ރައްކާތެރިކޮށް ސަލާމަތް ކުރުމަށް ޓަކައި މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި މި ސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިއަށް އޮތް 2 ހަފުތާގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

މިއަދު ހުށައެޅި ބިލުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އެކަންކަން ހުއްޓުވަން ކަމަށެވެ.

އެގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮ ގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަ ވެވޭނެ ފުރުސަތު ދިނުމަކީ ވެސް އެ އިސްލާހުތަކުގެ ބޭނުމެކެވެ.

މި ބިލުން ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާއެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމާއި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން ހިމެނެ އެވެ.

އޭގެ އިތުރުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރަދަނާ ކުރުމާއި ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖާކުރުމަކީ ވެސް އެ ބިލުގައި ހިމަނާފައިވާ ކަންކަމެވެ.

އެ ބިލުގައި ބުނެފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުމަކީ ހާސިލްކުރަން ބޭނުންވާ މަގުސަދެއް ކަމަށެވެ. އަދި ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެނޫންވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުން އެ ބިލުގައި ވަނީ ހިމަނާފަ އެވެ.

މި އިސްލާހުގައި ވަނީ، ވަކި ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކުށެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވެ އެވެ. މި އިސްލާހުގައި ވަނީ ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިދޭ ބާރުތައްވެސް އިތުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު