ENGLISH
05 ޖުލައި 2025
އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަން ކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި
01 ޑިސެމްބަރު 2024
|
އެފްއެސްއެމްގެ ތެޔޮ ބާޖެއް
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެ ތެލުން ލިބޭ ފައިސާ ލޯންޑަރ ކުރަމުންދާ ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހްސާން މިރޭ ވިދާޅުވެއްޖެއެވެ.
އެކްްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ފުލުހުންގެ ޚާއްސަ ޓީމުތަކުންވަނީ 10 މީހުނާއި ދެ ގެ އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށް މައްސަލައާ ގުޅުން ހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައި ކަމަށެވެ.
މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް، އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާ ނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެފްއެސްއެމްގެ ތެޔޮ ބާޖުތަކުން ވައްކަން ކުރާ މައްސަލަ ތަޙުޤީޤު ކޮށްދެއްވުމަށް އެދި ފުލުހުންނަށް ހުށަހަޅާފައި ވަނީ އެފްއެސްއެމްގެ ބެލެނިވެރި ކުންފުނި، އެސްޓީއޯ އިންނެވެ.
މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އަށް ތެޔޮ ވިއްކުމުގައި އެ ކުންފުންޏާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެން ހިންގި ވައްކަމެއް ފުލުހުން ވަނީ މިދިޔަ ޖެނުއަރީ މަހު ފަޅާ އަރުވާލައިފައެވެ. އެ ވައްކަމުގައި ވަނީ 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެލަށް ޚިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ހާމަވެފައެވެ.