ENGLISH

05 ޖުލައި 2025

Advertisement

މަސްވެރިނަށް ހުރި ނުތަނަވަސްކަން، ބޮޑެތި ގޮންޖެހުންތައް ހައްލުވުމުން ފިލާނެ: ފިޝަރީޒް މިނިސްޓަރު

01 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް، ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަންގެ، މަސްވެރިކަމާއި ބެހޭ ކޮންފަރެންސެއްގައި- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

މަސްވެރިންގެ ހުރި ނުތަނަވަސްކަން އެނގިވަޑައިގަންނަވާ ކަމަށާއި، މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކޮށްދެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ބެހޭ މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވަނީ ޒަމާންވީ، ދިގުދެމިގެން ގޮސްފައިވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން މަސް ކިރުވުމާއި ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނެތުމާއި، ތެލާއި އައިސް ލިބުމުގައި ހުރި ދަތިތައް އޭނާ ފާހަގަ ކުރެއްވި އެވެ. 

"ރައީސުލް ޖުމްހޫރިއްޔާގެ ސިޔާސަތުތައް މިހުރީ މުޅި މަސްވެރި ސިނާއަތުގެ ޒަމާންވީ މައްސަލަތަކެއް ހައްލުކުރަން، ދިގު ދެމިގެން އައި މައްސަލަތަކެއް މިހުރީ،" ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސް ޕްރޮސެސިން އަށް ބޭނުންވާ ކެޕޭސިޓީ ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ މި އަހަރު ތެރޭގައި ރައީސް މުޢިއްޒު މަސައްކަތުން ހޯއްދަވާ، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފައްޓާވާފައިވާ ކަމަށެވެ.

"ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރުމަށް ފަށާފައި މަސައްކަތް ނިމޭއިރު، އިރާދަކުރެއްވިއްޔާ 300 މެޓްރިކް ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ރާއްޖޭގައި،" ޝިޔާމް ވިދާޅުވި އެވެ. "ރޯމަސް ބޭރުކުރުން ހުއްޓާލަން އެބަޖެހޭ، އަބަދު ރޯމަސް ބޭރުކޮށްކޮށް ތިބޭކަމަށް ވަންޏާ ދުވަހަކު ރަނގަޅު އަގެއް ދިވެހި މަހަކަށް ނުލިބޭނެ."

މަސްވެރިކަމާ ބެހޭ މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަލާވިއިރު، މަސްވެރިންނަށް ނުދީ 250 ވަރަކަށް މިލިއަން ރުފިޔާ ހުރި ކަމަށެވެ. އަދި އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުކޮށް ރިޔާސީ އިންތިޚާބުގެ ތެރޭގައި މަސް ކިލޯއެއް މިފްކޯ އަށް ގަންނަ އަގު 17ރ. އިން 25ރ. އަށް ބޮޑުކުރުމުން، އަމިއްލަ މަސް ކުންފުނިތަކުގެ ވިޔަފާރި އަށް ވެސް ނޭދެވޭ އަސަރު ކުރިކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ ކަންތައްތައް ހައްލުކޮށްދިނުމުގެ ގޮތުން، މަސް ކިރޭނެ ގޮތާއި ފެނާއި އައިސް ފަސޭހަ އިން ލިބޭނެ ގޮތްް ހަމަޖެެއްސުމަށް ކުރާ މަސައްކަތުގެ ބޮޑު ބައެއް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. 

ގާއިމުކުރަން ނިންމާފައިވާ 17 އައިސް ޕްލާންޓުގެ ތެރެއިން ބައެއް އައިސް ޕްލާންޓްތައް ގާއިމު ކުރުމުގެ މަސައްކަތާއި، އެސްޓީއޯ އާއި އެއްއަގެއްގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މަސްދޯނި ފަހަރުގައި މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ ލޯނު ފުރުސަތަކީ، މަސްވެރިންނަށް ކޮށްދެވޭ ވަރަށް ފައިދާހުރި އިންވެސްޓްމަންޓަކަށް ވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު