ENGLISH
26 ނޮވެމްބަރު 2025
މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ދަންމާލައިފި
26 ނޮވެމްބަރު 2025
|
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ދަންމައިލުމަށް މިއަދު އޮތް މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްެރަހީމް އަބްދުﷲ ވިދާޅުވީ އަދިވެސް މަޖިލީހުގައި މަސައްކަތްތައް ނިންމަަން އެބަހުރި ކަމަށެވެ. އެ މަސައްކަތްތައް ނިންމައިލުމުގެ ގޮތުން މަޖިލީހުގެ މި ހިނގާ ދައުރު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަންމައިލުމަށް އެމަނިކުފާނު ހުށަހެޅުއްވިއެވެ.
މަޖިލީހުގެ ރައީސް ހުށަހެޅުއްވި ގޮތަށް ދައުރު ދަންމައިލުމަށް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވިއެވެ. ދައުރު ދަންމަައިލަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު ގާނޫނުއަސާަސީ އިސްލާހުކުރުމަށް މަޖިލީހުން އިއްޔެ ފާސްކުރި އިސްލާހާއެކު، އަތޮޅު ކައުންސިލުތައް އުވިގެންދިއުމާ ގުޅިގެން ލާމަރުކަޒީ ގާނޫނާއި، ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތް ހިމެނެއެވެ. އެ ދެ ބިލުގެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާއިން ނިންމާފައެވެ.
އޭގެ އިތުރަށްވެސް މަޖިލީހުގެ ކޮމިޓީތަކުގައި މުހިއްމު ބައެއް ބިލުތަކުގެ މަސައްކަތް ކުރިއަށްދެއެވެ. އެހެންކަމުން އެއިން ބައެއް ބިލުތަކުގެ މަސައްކަތް ކޮމިޓީތަކުން ނިންމައި އަންނަ ހަފުތާ ތެރޭގައި މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމުގައި ބެލެވެއެވެ.